ރައީސް ޔާމީން

ހަގީގަތުގައި ދިގު މުއްދަތަކަށް ޖަލުގައި އޮންނަން ޖެހޭނީ ރައީސް ޔާމީން: ވައްޑެ

ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ދިގު މުއްދަތަކަށް ޖަލުގައި އޮންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައްޑެ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލަފާނެތީ އެކަމުން ސަލާމަތްވުމަށްޓަކައި ކުރެވުނު ހުރިހާކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށާއި ނަމަވެސް މުއައްސަސާތައް އޮތީ ރައީސް ޔާމީން ވިދާޅުވާހާގޮތަކަށް ކަންތައްތައް ކުރާކަށް ނޫން ކަމަށެވެ.

ވައްޑެ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންފައިވަނިކޮށް އަދިވެސް ރައީސްކަމުގައި އިތުރަށް ހުންނެވުމަށް "ޒާތްޒާތުގެ މަސައްކަތް" ރައީސް ޔާމީން ކުރައްވާނަމަ އެކުރެވެނީ ބަޣާވާތެއް ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކުރާނަމަ އެމަނިކުފާނާ ގާނޫނު އަރާހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބުކޮށްފައިވަނިކޮށް، ދެން ރައީސް ޔާމީން އެ މަގާމުގައި ހުރުމަށްޓަކައި ޒާތްޒާތުގެ ކަމެއް ކުރައްވައިގެން ކަންތައްތައް ކުރައްވާކަމަށް ވަންޏާ ރައީސް ޔާމީންވެސް ގާނޫނުތަކާ ކުރިމަތިލާންޖެހޭނެ. އޭނައެކުރަނީ އެހާ ހިސާބުން ބަޣާވާތެއް. އެއީ އަސްލު ހަގީގީ ބަޣާވާތަކަށް ދާނެ ސަރުކާރުގެ މުއައްސާސާއެއް ބޭނުންކޮށްގެން އެކަހަލަ ޒާތުގެ ކަމެއް ކުރައްވާ ކަމަށް ވަންޏާ،" ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާއެކި އިދާރާތައް މިނިވަންކަމަށް ހޭލައިފި ކަމަށެވެ. އަދި ގާނޫނު އަސާސީ "މަރުނުވެ އޮއްވައި ކަފުންކޮށްފަ ވަޅުލަން" އުޅެނިކޮށް އެކަން ނިމުމަކަށް އައިސް ގާނޫނަށް މިއަދު ދިރުން ލިބެން ފަށައިފި ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ވައްޑޭ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އަދުއިންސާފު ގެއްލޭގޮތަށް ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތައް އިސްލާހުކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް ގުޅިފައިވާ ހަތަރު ޕާޓީން ނިންމާފައިވާކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ރައްޔިތުންނަށް ޔަގީންކަން ދެން މަޖިލީހުގެ ތެރެއިން ގާނޫނުތައް އިސްލާހުކުރެވި، ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ލިބޭނެގޮތަށް، އަސާސީ ޚިދުމަތްތައް ލިބޭނެގޮތަށް ގާނޫނުތައް ބަދަލުކުރެވިގެންދާނެކަމަށް. އިންޝާﷲ،" އަނާރާ ވިދާޅުވިއެވެ.

ރާއްޖޭގައި އަދުލުއިންސާފު ގާއިމް ކުރުމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް އަނާރާ ވިދާޅުވިއެވެ.