ޚަބަރު

އެމްޑީޕީގެ ސަރުކާރެއް އެމްޑީޕީގެ ރައީސް ވައްޓައެއް ނުލާނެ: ދިޔާނާ

އެމްޑީޕީގެ ސަރުކާރެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވައްޓާ ނުލައްވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކުރީގެ ރައީސް ނަޝީދު ވައްޓާލުމަށް މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ދިޔާނާ ވަނީ ނަޝީދަކީ ޒުވާން ބޭފުޅެއް ކަމަށާއި ރީތި މަގުން ނަޝީދަށް ރައީސް ކަމަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދިޔާނާ ވަނީ ގާސިމް މަޖިލީހުގެ ރައީސް ކަމަށް އިސްވުމާއެކު ފުރަތަމަ ފާސްކުރެވުނީ ކޮން އިސްލާހެއްތޯއާއި އެ އިސްލާހު އިސްކުރެއްވީ ކީއްވެތޯ ސުވާލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެކި ފަރާތްތަކުން އަންނަނީ ގާސިމް ކޯލިޝަން ރޫޅާލާއި ވެރިންކަން ވައްޓާލުމަށް މަސައްކަތް ކުރާކަމަށް ތުހުމަކުރަމުންނެވެ. ކޯލިޝަނާ މެދު ގާސިމް ވަކި އެއްޗެކޭ ސީދާ ގޮތުގައި ވިދާޅުވެފައި ނުވި ނަމަވެސް މަޖިލީހުގެ އިންތިހާބުގައި އެކީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ހުރި ކޮންމެ ބަޔަކާއެކު މަސައްކަތް ކުރާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.