ޚަބަރު

ސިޔާސީ ޕާޓީތަކުން ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް އިސްލާހުކޮށްފި

ސިޔާސީ ޕާޓީތަކުން ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފިއެވެ.

ސިޔާސީ ޕާޓީއެއް އުވާލުމުގެ ކުރިން ސިޔާސީ ޕާޓީގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފައިވޭތޯ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަންވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ޕާޓީއެއް އުވާލާ އިރު އެއްވެސް ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮވެފައި، އެ ދަރަންޏާ މެދު ޕާޓީގެ ނިންމުންތައް ނިންމުމަށް އޮތް ގުނަވަނުން ގޮތެއް ނިންމަންޖެހޭ ހާލަތުގައި، އެ ދަރަންޏަކަށް ޝަހުސީގޮތުން ޒިންމާވުމަށް އެއްބަސްވެފައިވާ ފަރާތުން އެ ފައިސާއެއް ދައްކައި ހަލާސްކުރުމަށް އެންގުން ނުވަތަ އެ ދަރަންޏެއް އުފެދުނު އިރު އެ ޕާޓީއެއްގެ އެންމެ އިސް ފަރާތެއް އެ ދަރަންޏަކަށް ޝަހުސީގޮތުން ޒިންމާވުމަށް އެންގުމުގެ އިހުތިޔާރު ލިބެއެވެ.

ސިޔާސީ ޕާޓީއަކުން ފަހުން ފައިސާ ދައްކާގޮތަށް ހޯދާ ހިދުމަތަކަށް ނުވަތަ މުދަލަކަށް ޝަހުސީގޮތުން ޒިންމާވާނޭ މީހަކު ކަނޑައަޅައި، އެ މުދަލެއް ވިއްކާ ނުވަތަ ހިދުމަތްދޭ ފަރާތަކަށް އެކަން އަންގަންވާނެ ކަމަށާއި ސިޔާސީ ޕާޓީން ހޯދި ހިދުމަތުގެ ނުވަތަ މުދަލަށް އަގު ދައްކަން އެއްބަސްވިގޮތާއި އެކަމުގައި ޝަހުސީގޮތުން ޒިންމާވުމަށް ކަނޑައެޅި ފަރާތަކާއި އެ ފަރާތަކުން އެކަމަށް އެއްބަސްވިކަމުގެ އިގުރާރު އެ މުއާމަލާތެއް ހިންގާ ތާރީހުން ފެށިގެން ފަސް ދުވަސް ތެރޭގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މުއާމަލާތަކާ ގުޅޭ ދަރަންޏެއް ޝަހުސީގޮތުން ޒިންމާވުމަށް އެއްބަސްވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ފަރާތަކަށް ވާންޖެހެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ސިޔާސީ ޕާޓީތަކުގައި އުފެދިފައި ހުރި ދަރަނިތަކަށް ޕާޓީގެ ފަރާތުން ޝަހުސީގޮތުން ޒިންމާވާނޭ ފަރާތްތައް ކަނޑއަޅައި، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

ޕާޓީގެ ދަރަންޏަށް ޝަހުސީގޮތުން ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާ ނަމަ، އެ ދަރަނި ދެއްކުމަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނު އިރު ހުރި ޕާޓީގެ އެންމެ އިސް ފަރާތްކަމުގައި ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.