ޚަބަރު

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ބޭފުޅުން ހަމަޖައްސަވައި، އެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އަށް ފަސް ބޭފުޅުން ހަމަޖައްސަވައި އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް އައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މއ. ޑާޗާ އަލީ ހާޝިމާއި މއ. މާދެލި މަހްމޫދު ރާޟީއާއި މއ. ކޮށީގޭ ޖުވައިރިޔާ ސައީދާއި ވ. ސިނަމާލެ 4 05-02 އަލްއުސްތާޒާ މަރްޔަމް ރިފްނާއާއި ގ. ކްރީމްގޭ ޒުރުވަތު އަބްދުލް މާޖިދެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާ މެދު އަޅަންވީ ފިޔަވަޅުތަކާއި އެ މައްސަލަތަކާމެދު އަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި މި ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.