ރިފާ ހަލީލު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 9:30 ގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އިރު، މިއަދު މެންދުރު ފުލުހުންގެ ފަރާތުންވެސް އެ ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނާ ބައްދަލުކުރިއެވެ.
އެ ބައްދަލުވުމުގައި ގައުމުގެ ދެވަނައަށް އެންމެ އިސް ވެރިޔާއަށް އެފަދަ ޓެރަރިޒަމް ހަމަލާއެއް ދިން އިރު ފުލުހުނުްގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިފައިނުވޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރޭގެ ހަމަލާއާ ގުޅިގެން ރޭ 10:30 އެހާކަންހާ އިރު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ހަމަލާއާ ގުޅުން ހުރި ކަންތައްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް ރޭގެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އެއްވެސް ކަހަލަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.