ވަން ރެސިޕީ

ވަން ކިޗަން: ވަޅޯމަސް ނޫޑްލްސް ރެސިޕީ

މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ދިވެހިންގެ މެދުގައި މަގުބޫލު ވަޅޯމަސް ނޫޑުލްސް ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

2 ޕެކެޓު ނޫޑުލްސް (މަޑުކޮށްފައި)
200ގ ވަޅޯމަސް (ކޮށާފައި)
2 މޭޒުމަތީސަމުސާ ތެޔޮ
1 ބިސް
½ ފިޔާ (ކޮށާފައި)
1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
½ ސައިސަމުސާ އިނގުރު (ގާނާފައި)
1 ޖޯޑު ކެރެޓު (ހިމަދިގަށް ކޮށާފައި)
1 ޖޯޑު ސްޕްރިންގް އޮނިއަން
1 މޭޒުމަތީސަމުސާ ޗިލީޕޭސްޓު
1 މޭޒުމަތީސަމުސާ ސޮއިސޯސް
3 މޭޒުމަތީސަމުސާ ޓޮމާޓޯ ސޯސް
ލޮނު އަދި އަސޭމިރުސްކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު، ފިޔާ، ލޮނުމެދު، އިނގުރު މީރުކޮށްލުމަށްފަހު ވަޅޯމަސްކޮޅު އެއްކޮށްލާށެވެ. ބިސް ވަކިން ގިރާލުމަށްފަހު މީގެ ތެރެއަށް އަޅާލާ ހާކާލާށެވެ.

ކެރެޓު އަދި ސްޕްރިން އޮނިއަން އެއްކުރުމަށްފަހު، ޓޮމާޓޯ ސޯސް، ސޮއިސޯސް، ޗިލީ ޕޭސްޓު އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ. އެންމެފަހުން މަޑުކޮށްފައި ހުރި ނޫޑުލްސް އެޅުމަށްފަހު މިނިޓެއް ވަންދެން ހާކާލުމަށްފަހު އުނދުން މަތިން ބާލާށެވެ.