ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުންވެސް ކުށްވެރިކޮށްފި

އަލީ ޔާމިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ މެންބަރެއް ކަމަށްވާ ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެމަނިކުފާނަށް ދިން ފިނޑި ޓެރަރިސްޓް ހަމަލާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހުރިހާ މެންބަރުންނާއި ހުރިހާ މުވައްޒަފުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ކުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސް މިހާރު ކުރިއަށްދެއެވެ. މަޖިލީހުން ބުނީ، ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު އޭޑީކޭއިން ހާމަކުރަންދެން އެ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ އިރު، އެކަނިކުފާނުގެ ހާލު ސްޓޭބަލް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދުވެސް ބަންދުކޮށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެކަމަށް ބޭރުގެ އެހީ ހޯދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.