ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކުރި މީހާ ހުޅުމާލެއިން ހައްޔަރުކޮށްފި.
ތިން ގަޑިއިރެއްހާއިރުގެ އޮޕަރޭޝަނަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު ހުޅުމާލެ ފުލެޓު 95G02 އިން.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ހެނދުނު ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާއެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު އަތަމާ ޕެލަސް ކުރިމަތީގައި ހުރި މީހާ.
ގިނަ ފުލުހުންތަކެއް ބައިވެރިކޮށްގެން ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ މައްސަލައާ ގުޅޭ ހެކި ހޯދުމަށް އެ ފުލެޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައި. އަދި ފުލުހުންގެ ފޮރެންސިކް ޓީމުން ހެކީގެ ގޮތުގައި ބެލެވޭ ބައެއް ތަކެތި ހިމެނޭ ކޮތަޅުތަކެއް އެ ފުލެޓުން ނެރިގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ފަތިހު 5:00 ވީއްސުރެ ތިބި "ވަން" ގެ ނޫސްވެރީންނަށް ވަނީ ފެނިފައި. މި އޮޕަރޭޝަން ކުރިއަށްގެންދިޔަ އިރު އެ ސަރަހައްދުގައި ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކުގެ ހާއްސަ ޓީމުތައް ހަރަކާތްތެރިވަމުން ދިޔަ. ފުލެޓް ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ހައެއްކަ ވެހިކަލް އެލާޓުގައި އޮތް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ދުސްތޫރީ ޒިންމާއެއް ކަމަށް.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެރޭ މެންދަމު 12:55 ގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލްވުމުގައި ޓެރަރިޒަމްގެ މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، މި މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށްވެސް ބަޔާނުގައިވޭ.
ބަޔާނުގައި ވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މި މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލު ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެ ކޮމެޓީން އެދިފައިވާ ކަމަށް.
"މިރޭ ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ބައްދަލުވުމުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ ރައްކާތެރިކަން ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހެދުމަށް މި ކޮމިޓީން ވަނީ ނިންމާފައި،" ބަޔާނުގައިވޭ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.
ނަޝީދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ ހަރުކަށިފިކުރުގެ ވިސްނުން ގެންގުޅޭ ދެމީހުން: ސީޕީ
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައާ ހަރުކަށި ފިކުރާ ކޮންމެވެސް ވަރެއްގެ ގުޅުމެއްވޭ: ޕީޖީ ޝަމީމް
ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު އާންމުކޮށްފި.
ގޮއްވާލި ވަގުތު އަތަމާ ޕެލަސް ކުރިމަތީގައި ހުންނަ މީހެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސައިކަލާ އަރައި ހަމަކުރުމުން ގޮއްވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާންމުކޮށްފި.
ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ކުރިއަށް.
ރައީސް ނަޝީދު ވަނީ ނުރައްކަލުން ސަލާމަތްވެފައި، ހާލު އަދި ވަރަށް ގާތުން ބަލަން ޖެހޭ
ރައީސް ނަޝީދުގެ ހިތް ކައިރިއަށް ތޫނު އެތިކޮޅެއް ދިޔަ، އެތެރެއަށް ދިޔަ ނަމަ ނުރައްކާވީސް: އޭޑީކޭ
އެތިކޮޅުތައް އެތެރެއަށް ގޮސް، ނަޝީދުގެ ގޮހޮރު ފޫއަޅައިގެންދިޔަ: އޭޑީކޭ
ރައީސް ނަޝީދު ގެނެވުނުއިރު ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔަ، ދިހަ މިނެޓު ތެރޭ ތިއޭޓަރަށް ވެއްދުނު: އޭޑީކޭ
ފުލުހުންގެ ޕްރެސް މިއަދު 15:50 ގައި. މައުލޫމާތުދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު.
ރައީސް ނަޝީދުގެ ހާލަތާ ގުޅޭ މައުލޫމާތުދިނުމަށް މިއަދު މެންދުރުފަހު 2:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި.
ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން ހިންގާ ހާއްސަ އޮޕަރޭޝަނެއް ފަށައިފި. އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައި. އެނގިފައިވާ ގޮތުގައި ފުލުހުން އެ އޮޕަރޭޝަނަކީ ހެކި ހޯދުމަށާއި، ތަހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިޒައިން ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ.
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައި ވަނީ ހޯމް މޭޑް ނޮން މިލިޓަރީ ގުރޭޑްގެ އެކްސްޕޯލްސިވް ޑިވައިޒެއް ކަމަށާއި އެ ޑިވައިސް އިނީ އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ކަމަށް.
"ވަރަށް ނުރައްކާތެރި ވަރަށް ވަރުގަދަ ހަމަލާއެއް އެމަނިކުފާނަށް ދިނީ،" އެ ހަމަލާ ސިފަކުރައްވަމުން ޝަމާލު ވިދާޅުވި.
އޭނާ ވިދާޅުވީ، ޑިވައިޒް ގޮވުމާއެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންނެވި ކަމަށާއި އޭރު އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް.
"އައިއީޑީ އޮތީ އެމަނިކުފާނުގެ ވައަތް ފަރާތަށްވާ ގޮތަށް ޕާކުކޮށްފައި ހުރި ސައިކަލުގައި. އެހެންވެ، އެމަނިކުފާނަށް ހަމަލާ އައިސްފައި ވަނީ ވައަތް ފަރާތާ ދިމާލުން. ހަމައެއާއެކު ޕީއެސްއޯގެވެސް ހުރީ ވާތް ފަރާތައް ހަމަލާތައް އައިސްފައި، ދެން ހުރި މީހާގެ ހުރީ ކަނާއަތް ފަރާތްތަށް. އޭނާ ހުރީ ދެކުނަށްވާ ގޮތަށް ކުރިމަތިލައިގެން" ޝަމާލު ވިދާޅުވި.
"އެހެންވީމަ މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން. އަޅުގަނޑުމެނަށް ލަފާކުރެވޭ ގޮތުގައި މިއީ ރިމޯޓް ކޮންޓްރޯލް ޑިވައިޒްއެއް ބޭނުންކޮށްގެން ކޮށްފައި އިން ކަމެއް،" ޝަމާލު ވިދާޅުވި. އަދި ވިދާޅުވީ، އައިއީޑީ ގޮއްވާލާފައި ވަނީ ފޯނެއްގެ ބަދަލުގައި ރިމޯޓެއް ބޭނުން ކޮށްގެން ކަމަށް ބޮޑަށް ބެލެވޭ ކަމަށް.
"ދެހާސް ހަތް ވަނަ އަހަރުގެ ސަލްޓަންޕާކުގެ އައިއީޑިއަށް ބަލާފައި މި އައިއީޑީއަކީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން،" ޝަމާލް ވިދާޅުވި.
އެއްވެސް ޓެރަރިސްޓަކަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލައާ ގުޅިގެން ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެވަރުގެ ހަމަލާއެއް ދިން އިރު އެކަން އެނގޭ ބަޔަކު ތިބޭނެ ކަމަށާއި ސިއްރުނުކޮށް ފަރުދީ ޒިންމާ ނަގަން ޖެހޭ ކަމަށް.
"މި ރާއްޖެ ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުން އެއީ ޓެރެރިސްޓް މީހުންގެ މަގުސަދު ކަމަށް ވަންޔާ އެ މަގުސަދު ހާސިލުކުރަން އަޅުގަނޑުމެން ދިވެހިން މިތިބީ ތައްޔާރަކަށް ނޫން. ގައުމީ ދިފާއީ ބާރުން އެންމެ ފަހު މީހާއާ ޖެހެންދެން ނުކުމެ އެ މަސައްކަތް ކުރާނެ، މި ރާއްޖެއިން މި ޓެރެރިޒަމްގެ ބިރުވެރިކަން ފިލުވާލުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި.
ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދޭކަމުގައި ވަނީ ނަމަ އެ ފަރާތްތަކަކުން އެ ކުރިމަތިލަނީ ގައުމީ ދިފާއީ ބާރާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެއްވެސް ރައްޔިތަކު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށް ޖާގައެއް ނުދެއްވާނެ ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހައި ރިސްކު އޮންނަ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު ސެކިއުރިޓީން އުޅޭނީ ހަތިޔާރާއެކު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާ ގުޅިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލު ވިދާޅުވީ، ރައީސް ނަޝީދަކީ އެމްއެންޑީއެފުން އެންމެ މަތީ ސެކިއުރިޓީ ފޯރުކޮށްދޭ އެއް ބޭފުޅާ ކަމަށް. އެގޮތުން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދޭ ސްޕެޝަލް ފޯސް ޓީމުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި އެ ޓީމު އެމަނިކުފާނާއެކުގައި އަބަދުވެސް ހަރަކާތްތެރި ވާނީ ހަނގުރާމަވެރި ހަތިޔާރާއެކުގައި ކަމަށްވެސް ވިދާޅުވި.
"ރައީސް ނަޝީދަކީ އެންމެ ސެކިއުރިޓީ މަތީ ލެވެލްގައި ނުވަތަ އެންމެ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް. އަދި އެބޭފުޅާއާ ގުޅޭ އިންޓެލިޖެންސް އިންޕުޓްތަކަކީ އަބަދުމެހެން އަންނަ އިންޕުޓްތަކެއް. އެބޭފުޅާއަކީ ހައި ރިސްކް ބޭފުޅެއް ކަމާއި އަދި އެބޭފުޅާއަށް ހުރި ތްރެޓްތަކުގެ މައުލޫމާތު އަބަދުމެހެން އަޅުގަނޑުމެންނަށް ލިބޭ،" ޝަމާލު ވިދާޅުވި.
އޭނާ އިތުރަށް ވިދާޅުވީ، ސެކިއުރިޓީ އެންހޭންސްމަންޓް ޕްލޭނެއްގެ ދަށުން ރައީސް ނަޝީދަށް އަރުވަމުން އަންނަނީ ކުރީގެ ރައީސަކަށް އަރުވާ ވަރަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ކަމަށް.
ރަށުން ބޭރުގައި އޮތް ހަފުލާއަކަށް ދިއުމަށް ރައީސް ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން އުޅެނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނު ޒަހަމްކޮށްލާފައި ވަނީ ރޭ 20:27 ހާއިރު. އަދި އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނު އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލިތާ އަށް ވަރަކަށް މިނެޓު ތެރޭގައި އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާރުވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން.
އެ ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، ރަށުން ބޭރުގައި އޮތް ހަފުލާއަކަށް ދިއުމަށް ރައީސް ނަޝީދު ރޭ ގެއިން ނުކުމެވަޑައިގެންނެވީ 20:25 ހާއިރު ކަމަށާއި އެމަނިކުފާނަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ 20:27 ގައި ކަމަށް.
ޝަމާލް ވިދާޅުވީ، ހަމަލާގެ ސަބަބުން ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންނެވި ކަމަށާއި އޭރު އެމަނިކުފާނުގެ ވައަތް ފަރާތަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް. ހަމަލާ ދިންތާ ގާތްގަނޑަކަށް 20:35 ގައި ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވުނު ކަމަށްވެސް ވިދާޅުވި.
"އައިއީޑީ އޮތީ އެމަނިކުފާނުގެ ވައަތް ފަރާތަށްވާ ގޮތަށް ޕާކުކޮށްފައި ހުރި ސައިކަލުގައި. އެހެންވެ، އެމަނިކުފާނަށް ހަމަލާ އައިސްފައި ވަނީ ވައަތް ފަރާތާ ދިމާލުން. ހަމައެއާއެކު ޕީއެސްއޯގެވެސް ހުރީ ވައަތް ފަރާތައް ހަމަލާތައް އައިސްފައި، ދެން ހުރި މީހާގެ ހުރީ ކަނާއަތް ފަރާތްތަށް. އޭނާ ހުރީ ދެކުނަށްވާ ގޮތަށް ކުރިމަތިލައިގެން" ޝަމާލު ވިދާޅުވި.
ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައި ވަނީ ހޯމް މޭޑް ނޮން މިލިޓަރީ ގުރޭޑްގެ އެކްސްޕޯސިވް ޑިވައިޒްއެއްކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ހަށިފާރަވެރިކަން ކޮށްދޭ އެމްއެންޑީއެފްގެ ޓީމުން ރޭގައި އަމަލުކޮށްފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް.
"އެއީ ވަރަށް އަވަހަށް، ވަރަށް ހަލުވިކޮށް، އެމީހުންނަށް އިންޖަރީވެގެން ތިބެގެންވެސް އެމަނިކުފާނަށް އިސްކަންދީ އެމަނިކުފާނާ ވާހަކަދައްކަވަމުން ދިޔައީ" ޝަމާލް ވިދާޅުވި.
ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މީހުންނާ ހަމައަށް ޔުނީފޯމް އެޅި ސަލާމަތީ ބާރުތަކުން އަރައި ހަމަކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ފިލާ ތިބެގެން އެ ހަމަލާދިން މީހުންނާ ޔުނީފޯމު އެޅި ސިފައިން ވަރަށް އަވަހަށް އަރާ ހަމަކުރާނެ ކަމަށާއި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް. އަދި ވިދާޅުވީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް.
"ފިލާ ތިބެގެން މިފަދަ ހަމަލާ ދޭ މީހަކަށް ނުވަތަ ބަޔަކަށް އަބަދކު ފިލައިގެނެއް ނޫޅެވޭނެ. ރައީސް ނަޝީދަށް ހަމަލާދިން މީހުންނާވެސް ޔުނީފޯމު އެޅި ސިފައިން ވަރަށް އަވަހަށް އަރާ ހަމަކުރާނެ. ރައީސް ނަޝީދަކީ ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. އެ ބޭފުޅާއަށް އެވަރުގެ ކަމެއް ވީމާ އެނގެނީ މި ސެކިއުރިޓީ ހާލަތުގައި އެންމެން ވިސްނަން ޖެހޭނެކަން," މިނިސްޓަރު ވިދާޅުވި.
މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވައި އަދި މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކަށް އަމާޒު ކޮށްގެން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށް. އެހެންކަމުން މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ސިފައިންނާއި ފުލުހުންނާއެކު އާންމު ރައްޔިތުންވެސް ތެދުވަންޖެހޭނެ ކަމަށް ވިދާޅުވި.
ހާދިސާ ހިނގިި ވަގުތު، ރައީސް ނަޝީދުގެ ބޮޑީގާޑުން ކުރެއްވި މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން މާރިޔާ ވިދާޅުވީ އެވަގުތު އެ ބޭކަލުން ދެއްކެވީ ޕްރޮފެޝަނަލް ކަމާއި ސާބިތުކަން ކަމަށް. އަދި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ހަވާލުކޮށްފައިވާ ގައުމީ ވާޖިބާއި މަސްއޫލިއްޔަތަށް އިސްކަންދިންތަން ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވި.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ.
އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން މީގެ ކުރިން ކުރައްވާފައިވާ އަދި މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކަށް އަމާޒުކޮށްގެން މިފަދަ ހަމަލާއެއް ދިނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުރި ނުރައްކަލެއް ކަމަށް. އެހެންކަމުން މިއީ ސިފައިންނާއި ފުލުހުންނެކޭ އެއްފަދައިން އާންމު ރައްޔިތުންވެސް ހަމަލާ ދިން މީހުން ހޯދަން ތެދުވަންޖެހޭ ވަގުތު ކަމަށް.
"މިއީ ރާއްޖޭގައި ހިނގައިގެންވާނެ ކަމެއް ނޫން. މިއީ ހަމައެކަނި ހަމަލާ އަމާޒުވި މީހާއަށް ހުރި ބިރެއް ނޫން. މިއީ މުޅި ގައުމަށް ހުރިހާ ރައްޔިތުންނަށް އޮތް ބިރެއް. ހުރިހާ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭ ވަރުގެ ހަމަލާއެއް. އެހެންވީމަ މިކަމުގެ އެންމެން ތެދުވަންވީ ވަގުތު މިއީ." މިނިސްޓަރު ވިދާޅުވި.
މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ނަޝިދަށް އެވަރުގެ ކަމެއް ދިމާވުމުން އެނގެނީ މި ރާއްޖޭގައި ސެކިއުރިޓީ ހާލަތާމެދު އެންމެން ވިސްނަން ޖެހޭނެކަން ކަމަށެވެ. ނަމަވެސް މިފަދަ ކޮންމެ ކަމަކަށް ދިވެހި ފުލުހުންނާއި ސިފައިން ތައްޔާރީ ހާލަތުގައި އަބަދުވެސް ތިބޭނެ ކަމަށާއި މިކަމުގެ އަޑިގައި ހިމެނޭ ބަޔަކާވެސް ޔުނީފޯމު އެޅި ސިފައިން އަރާ ހަމަކުރާނެ ކަމަށް ވިދާޅުވި.
ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް ކަމަށާއި އެމަނިކުފާނު އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި.
އެ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު ކަމަށާއި ފާއިތުވެދިޔަ 16 ގަޑިއިރު އެމަނިކުފާނުގެ ބޮލާއި މެޔާއި ބަނޑާއި އަތަށް ލިބުނު އަނިޔާތަކަށް ސާޖަރީތައް ކުރެވިފައިވާ ކަމަށް.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.
ތަހުގީގަށް އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޕޮލިހުގެ އެހީތެރިކަން ހޯދުމަށް ވެސް ދަނީ މަޝްވަރާކުރަމުން: ސީޕީ ހަމީދު
ރައީސް ނަޝީދުގެ ހުރިހާ ސާޖަރީއެއް ނިމިއްޖެ، ހާލު ރަނގަޅު ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ
ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށް އައިޑެންޓިޓީ ހާމަކުރަން ޖެހިއްޖެ ހާލަތެއްގައި އަޅުގަނޑުމެން ހާމަކުރާނަން. އެ ފަރާތްތައް ފުރައިގެން ދޭތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން: ސީޕީ ހަމީދު
ޖިނާއީ ނިޒާމުގެ ތެރެއިން، އޮނިގަނޑުގެ ތެރެއިން ފުލުހުން އަމަލުކުރަން ޖެހޭނީ. އެކަށީގެންވާ އެވިޑަންސަށް ބަދަލުނުކުރެވޭހާ ހިނދަކު، އެފަދަ އަމަލު ހިންގާ ފަރާތްތައް ކަމަށް ޝައްކު ކުރެވޭ ފަރާތްތައް ބަންދުކޮށްގެން ގެންގުޅެވެން ގާނޫނުގެ ދަށުން ނުލިބޭނެ: ސީޕީ ހަމީދު
ފުލުހުންނާއި ސިފައިން ތިބީ ތައްޔާރީ ހާލަތުގައި، އެކަމަކު އިމަޖެންސީ އިއުލާނުކުރަން ޖެހޭ ހާލަތެއް ކަމަށް ގަބޫލެއް ނުކުރަން: ސީޕީ ހަމީދު
ސައިކަލުގެ މައުލޫމާތު ވަނީ ހޯދިފައި، އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް: އޭސީޕީ ރިޔާޒް
ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮއްވާލީ މިލިޓަރީ ފެންވަރުގެ އެއްޗެއް ކަމަކަށް ނުބެލެވޭ: އޭސީޕީ ރިޔާޒް
އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާނުކުރެވިވޭތޯ ބެލުމަށް ޖެހޭނީ އިންކުއަރީއެއް ހެދުމަށްފަހު ކަށަވަރުކުރަން: ސީޕީ ހަމީދު
އިންޓެލިޖެންސް މަސައްކަތެއް ނުހުއްޓޭ، އެއީ ކޮންމެ ދުވަހަކު ވެސް ހިނގާ މަސައްކަތެއް. މި ހަމަލާގެ އިންޓެލިޖެންސް ފުލުހުންނަށް ނުލިބި އޮތީ ކީއްވެތޯ ކަމާ ގުޅުން ހުރި ފަރާތްތަކުން ބަލައި ތަހުގީގުކުރާނެ ކަމަށް އުއްމީދުކުރަން. މިއަދު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ މި ހަމަލާއާ ގުޅިގެން ހައްޔަރުކުރަން ޖެހޭ ފަރާތްތައް ހައްޔަރުކޮށް، މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުން: ސީޕީ ހަމީދު
ދިވެހި މުޖުތަމައުގެ ތެރޭގައި މިފަދަ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ގާބިލުކަން ހުރި ބަޔަކު ތިބޭކަމީ ދެބަސްވާނެ ކަމެއް ނޫން: ސީޕީ ހަމީދު
ބޭރުގެ އެއްވެސް އިދާރާއަކުން މި ހާދިސާއާ ގުޅޭގޮތުން އިންޓެލިޖަންސް މައުލޫމާތެއް ފޯރުކޮށްދީފައެއް ނުވޭ: އޭސީޕީ ރިޔާޒް
ސޯޝަލް މީޑިއާގައި ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މިފަދަ މައުލޫމާތުތައް މެއިންސްޓްރީމް މީޑިއާތަކުން ވެސް ހާމަނުކުރެއްވުމަށް އެދެން: އޭސީޕީ ރިޔާޒް
މިހާތަނަށް ރަސްމީކޮށް މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނެގި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ: އޭސީޕީ ރިޔާޒް
މި ހަމަލާގެ ކުރިން އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައެއް ނުވޭ: ސީޕީ ހަމީދު
ރޭގެ ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް. މި މައްސަލަ ތަހުގީގުކޮށް، މިކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންގެ އެންމެ މަތީ ގާބިލުކަމެއް ބޭނުންކުރާނަން: ސީޕީ ހަމީދު
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާ ތަހުގީގު ކުރުމުގައި 450 ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން: ސީޕީ ހަމީދު
ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ފަރާތްތަކެއް ފާހަގަކުރެވޭ. އެފަރާތްތަކަށް ޖިނާއީ ފިޔަވަޅު އެޅުމަށް މި އަންނަނީ މަސައްކަތްކުރަމުން. ތުހުމަތުކުރެވޭ ހަތަރު މީހަކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ: ސީޕީ ހަމީދު
ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ތަކެތި އޮޕަރޭޝަން ކޮށްގެން ނަގާފައިވާ ކަމަށް އޭޑީކޭއިން މައުލޫމާތުދޭ: ސީޕީ ހަމީދު
ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ދިން ހަމަލާއެއް، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއެއް: ސީޕީ ހަމީދު
ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް. ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން މެންދުރުފަހު 2:30 އަށް ފަސްކޮށްފި.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގުކުރަމުން ދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް.
"2021 މެއި 06 ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މިދަނީ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުންނެވެ..،" ފުލުހުން ބަޔާނުގައި ބުނެފައިވޭ.
ފުލުހުން ބުނީ އެ ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، ހަމަލާ ތަހުގީގުކުރުމުގައި ލިބެމުން އަންނަ ކަމަށް.
ރައީސް ނަޝީދަށް ދީފައިވާ ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ނަމަ، އެ ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަކޮށްފައިވާ 9704000 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދޭ ކަމަށާއި އެގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން އެ ސާވިސް އިން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވޭ.
މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނީ އަނިޔާތަކާ ގުޅިގެން ރައީސް ނަޝީދުގެ ސާޖަރީތަކެއް ހެދިފައިވާ ކަމަށާއި އެ ސާޖަރީތައް ކާމިޔާބު ކަމަށް. އަދި އިތުރު އެއް ސާޖަރީ ހަދަން ޖެހޭ ކަމަށް ވެސް އޭޑީކޭ އިން ފާހަގަކުރި.
ހަމަލާއާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު 1:45 ގައި ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފި.
ގައުމާ މުހާތަބުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަހަށް ނިންމައި، އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަންގަވާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރުމަށް އަންނަ ހޮނިހިރު ދުވަހު އޮސްޓްރޭލިއަން ފެޑަރަލް ޕޮލިހުގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގުތިސާދަށް ވެސް ދިން ހަމަލާއެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި. އަދި އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި.
ބައެއް މިނިސްޓަރުންނާއެކު ނައިބު ރައީސް ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބުކުރެއްވުމަށް ނިންމަވައިފި.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައީސް ސޯލިހުގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާކުރައްވަމުން އެބަ ގެންދަވާ ކަމަށް. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ.
ހަމަލާގައި އަނިޔާވި ސިފައިންގެ ތިން މީހުން ވެސް ހޮސްޕިޓަލުން ދޫކޮށްލައިފި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް.
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ފެށުމަށްފަހު މެދުކަނޑާލައިފި. ޖަލްސާ މެދުކަނޑާލި ނަމަވެސް، ރައީސް ނަޝީދުގެ އަނިޔާގެ ތަފްސީލު ލިބެންދެން ޖަލްސާގައި ތިއްބެވުމަށް މެންބަރުންގެ ކިބައިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންނެވި.
އެމްއެންޑީއެފުން ބުނީ އެ ހަމަލާގައި އަނިޔާވެފައިވަނީ ސިފައިންގެ ތިން މީހަކަށް ކަމަށާއި ކަންފަތަށް ތަދުވާތީ އައިޖީއެމްއެޗްއަށް ގެންދެވުނު މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް. އަދި އަނެއް ދެ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ އެލާޓް ލެވަލް ވެސް، ލެވަލް 3 އަށް މަތިކޮށްފި.
ރައީސް ނަޝީދަށް ދިން ހަމަލާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ވެސް ކުށްވެރިކޮށްފި. އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައި.
އޭޑީކޭ އިން ބުނީ ރައީސް ނަޝީދު އަނިޔާތަކަކާއެކު މިރޭ 8:30 ގައި ގެނެވިފައިވާ ކަމަށާއި އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން އަންނަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށް.
މިނިސްޓަރު މާރިޔާ އޭޑީކޭ އިން ނުކުމެވަޑައިގެންނެވި ވަގުތު، ރައީސް ނަޝީދުގެ ސަޕޯޓަރުން މާރިޔާގެ އިސްތިފާއަށް ގޮވާލައިފި.
ރައީސް ސޯލިހު އޭޑީކޭ އިން ނުކުމެވަޑައިގެންފި.
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ 10:45ގައި ބޭއްވުމަށް ތާވަލުކޮށްފި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރު މިރޭ ބައްދަލުކުރެއްވުމަށް ތާވަލުކޮށްފި.
ރައީސް ނަޝީދަށް ދިން ހަމަލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުށްވެރިކުރައްވައިފި. ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް.
"މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުން،" ރައީސް ވިދާޅުވި.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށްފައި. އެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތުކަން ދީގެން ދިވެހި ފުލުހުން ތަހުގީގުކުރާކަން ކަށަވަރުކުރާނެ ކަމަށް އިމްރާން ވިދާޅުވި.
ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެކަމުގައި އެއްވެސް ބަޔަކު ޝާމިލުވާ ނަމަ، އެ ބަޔަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ގޮވާލައިފި.
"މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާ މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ހާދިސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޑްރައިވަރާއި އަދި ފަތުރުވެެރިއަކަށްވެސް އަނިޔާ ލިބިފައިވާތީ ކޮމިޝަނުން މިކަމާ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ރައީސް ނަޝީދާއި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ. މިކަމުގައި އެއްވެސް ބަޔަކު ޝާމިލުވާނަމަ އެބަޔަކަށް ހަރުކަށި ފިޔަވަ ޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. ކޮމިޝަނުން މި ދަނީ މި ހާދިސާ މޮނިޓާކުރަމުންނެވެ..،" އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވޭ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ހަބަރުތައް މިހާރު ބޭރުގެ ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފައި.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "ރާއްޖެ ޓީވީ"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީން ސިފަކުރަނީ އެއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ގޮތުގައި ކަމަށާއި އެ ހަމަލާ މިހާރުން މިހާރަށް ތަހުގީގުކުރުމަށް ގޮވާލާ ކަމަށް. އަދި މިހާރު ރައީސް ނަޝީދުގެ އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ލިބުނު އަނިޔާގެ ތަފްސީލީ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށށް ވިދާޅުވި.
އޭޑީކޭ ސަރަހައްދުގައި އެއްވެފައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން ފަހަތަށް ޖައްސަން ފަށައިފި.
ރައީސް ނަޝީދުގެ ހަށިކޮޅަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފި.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށްފި. އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވައި. އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ހަބަރު އެ ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކު ކަމަށް.
"އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ކުރަމެވެ..،" ބަޔާނުގައި ބުނެފައިވޭ.
އެ ބަޔާނުގައި ބުނެފައިވަނީ ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށާއި ހަމައެއާއެކު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެ ކޯލިޝަންގެ ލީޑަޝިޕާއި، ކައުންސިލާއި ސްޓިއަރިން ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.
ރައީސް ނަޝީދަށް ދިން ހަމަލާ، މާލޭ ސިޓީ ކައުންސިލުން ވެސް ކުށްވެރިކޮށްފި. އެ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާ ދިން މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އަދަބު ދިނުމަށް ގޮވާލާފައި.
ކެނެރީގޭ ސަރަހައްދާއި އޭޑީކޭ ސަރަހައްދުގައި ވެސް ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގަންނަވައިފި.
އޭޑީކޭ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް.
ރައީސް ނަޝީދަށް ދިން ހަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީން ވެސް ކުށްވެރިކޮށްފި.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރައްވައިފި. ރައީސް ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީގޮތުން ހިނގާ މިފަދަ ކަންތައްތަކަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި ވަކިވެގެން މަސައްކަތްކުރުމުގެ ބަދަލުގައި އެކުގައި މަސައްކަތްކޮށް މިފަދަ ކަންތައްތައް ހައްލުކުރަން ޖެހޭ ކަމަށް. އަދި ރައީސް ނަޝީދަށް ވަނީ އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައި.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އަނިޔާވެ، މިހާރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް. އަދި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި.
ރައީސް ނަޝީދަށް ދިން ހަމަލާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުށްވެރިކުރައްވައިފި. ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފިއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު "ވަން" އަށް ވިދާޅުވީ އެ ހަމަލާއަށް ފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
ކެނެރީގޭ ސަރަހައްދުގައި ހުރި މީހަކު "ވަން" އަށް މައުލޫމާތުދެމުން ބުނީ އެ ސަރަހައްދުން އެއްޗެއް ގޮވުމާއެކު ބާރު އަޑުގަނޑެއް އިވިފައިވާ ކަމަށެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ވަނީ ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި ބޮޑީގާޑަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.
އޭޑީކޭ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށާއި ހޮސްޕިޓަލަށް ވަނުން ވެސް މަނާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެމްއެންޑީއެފްގެ އިސްވެރިން އޭޑީކޭއަށް ވަޑައިގެންނެވި ވަގުތު، ރައީސް ނަޝީދުގެ ސަޕޯޓަރުން އެބޭފުޅުންގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށްފައިވެއެވެ.
އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.