ކުރީން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ އިސްލާހު ތަސްދީގު ނުކުރައްވާނެ ކަމަށެވެ.
"ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް އެ ގެންނަ އިސްލާހު އަޅުގަނޑު ތަސްދީގެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ފަރާތެއްގެ ސިޔާސީ މަސައްކަތަކަށް ހުރަސްއެޅޭ ނުވަތަ ގާނޫނު އަސާސީއާ ޚިލާފު އެއްވެސް އިސްލާހެއް ތަސްދީގު ނުކުރައްވާނެ ކަމަށެވެ. ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.