ޚަބަރު

ހިޔާ ފްލެޓުތަކުގެ ކަރަންޓު ކޭބަލްތަކެއް ވަގަށް ނެގި މައްސަލައެއް ބަލަނީ

މުއާވިޔަތު އަންވަރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ގެންގޮސްފައި ހުރި ކޭބަލްތަކެއް ގެއްލިގެން އެ މައްސަލަ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުން ބަލަން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޭބަލްތައް ގެއްލިފައިވާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައުމާއެކު ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި ފުލުހުން ގުޅިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގެ ކަރަންޓު ވަޔަރު ކުރުމަށް ބޭނުންކުރާ ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ޗައިނާ ކުންފުނިންނެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ބުނީ، ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އެފަދަ ކަމެއް ކުރިމަތިވުމުގެ ސަބަބުން މަޝްރޫއު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ ޖަރީމާ ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އެކަމުގައިވާ ނަމަ އެ މުވައްޒިފަކާ މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޭބަލްތައް ވަގަށް ގެންދިޔަ ނަމަވެސް، ފޭސް ދޭއްގައި މީހުން އާބާދުވެގެންދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނެގެނެސް ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.