ބޭނުންފުޅުވަނީ ކޯލިޝަނުގެ ހަތަރު ބައިވެރީންގެ ހިއްސާ އޮންނަ ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު އުފެދިފައިވަނީ ހަތަރު ޕާޓީ އެކުލެވޭ ކޯލިޝަނެއްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ދެކެން ބޭނުން ރައްޔިތުންގެ މަޖިލީހުގައި އެ ހަތަރު ޕާޓީގެ މެމްބަރުން ތިބޭ ތަން. އެއާއެކުގައި ސަރުކާރަށް މެޖޯރިޓީއެއް އޮތް މަޖިލީހެއް އަޅުގަނޑު ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަމަށް ކޯލިޝަން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ރައީސް ދެއްވައިފައެވެ.