ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރު ވައްޓައިލަން ކޯލިޝަނުގެ އެއްވެސް ބޭފުޅަކު މަސައްކަތެއް ނުކުރައްވާނެ: ރައީސް ސޯލިހް

ސަރުކާރު ވައްޓައިލަން ކޯލިޝަނުގެ ތެރެއިން އެއްވެސް ބައިވެރިޔަކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަންގެ ސަރުކާރު ވައްޓާލުމަށް ކޯލިޝަންގައި ހިމެނޭ އެއްވެސް ލީޑަރަކު މަސައްކަތް ކުރައްވާފައެއް ނެތް ކަމަށެވެ.

"ސަރުކާރު ވައްޓާލުމަށް ކޯލިޝަންގެ ތެރެއިން އެއްވެސް ބޭފުޅަކު އެއްވެސް އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނެތް. އަދި އެކަމެއް ނުވެސް ކުރައްވާނެ އެއްވެސް ބޭފުޅަކު އަޅުގަނޑު ދެކޭގޮތުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވި އިރު، ކޯލިޝަނުގެ އެއް ލީޑަރު ގާސިމް އިބްރާހީމް ރޭ އޮތް ޖޭޕީގެ އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ވަނީ އެމްޑީޕީން ރައީސް ސޯލިހުގެ ވެރިކަން ވައްޓައިލަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޖޭޕީ އާއި ޕީޕީއެމް ގުޅިގެން ސަރުކާރު ވައްޓައިލަން ވެސް މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވަނީ މީސްމިޑިއާގައި ފެތުރިފަ އެވެ.

އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާސިމް ހުންނަވަނީ ކޯލިޝަންގައި ކަމަށެވެ. އަދި ޕީޕީއެމްއާއެކު ކޯލިޝަނެއް ހަދާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.