އަދިވެސް ބޭނުންފުޅު ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ހުރިހާ ބައިވެރީން ގުޅިގެން ވާދަކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކުގައި ވާދަކުރެވޭނެ މަގެއް އަދި ނުފެނުނު ނަމަވެސް އަދިވެސް އެންމެ އެދިވަޑައިގަންނަވާ ގޮތަކީ އެކުގައި ވާދަކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމާ ގުޅޭ ގޮތުން ހުރިހާ ޕާޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރަށް މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހެއް ބޭނުންފުޅުވެލައްވާ ކަމަށެވެ.