މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ތައި ނޫޑުލްސް ރެސިޕީއެވެ.
250ގ ތާއި ނޫޑުލްސް (ޕެކެޓުގައި ލިޔެފައި އޮތްގޮތަށް ފެނުކައްކާފައި)
50ގ ކެރެޓު (ހިމަދިގުކޮށް ކޮށާފައި)
50ގ ވައިޓް ރެޑިޝް (ހިމަދިގުކޮށް ކޮށާފައި)
50ގ ސްޕްރިންގު އޮނިއަން (ހިމަދިގުކޮށް ކޮށާފައި)
2މޭޒުމަތީސަމުސާ ތެޔޮ
1މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)
1ސައިސަމުސާ ރަތް ހިކިމިރުސް
2މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)
100ގ ޑިނގާ (ނޮޅާ ސާފުކޮށް ހަދާފައި)
100ގ ބޯވަދިލަމަސް (ސާފުކޮށް ހެދުމަށްފަހު ކޮށާފައި)
1ސައިސަމުސާ ބެސިލް (ކޮށާފައި)
1ސައިސަމުސާ ސިލާންޓްރޯ (ކޮށާފައި)
3މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް
2މޭޒުމަތީސަމުސާ ސޮއިސޯސް
2މޭޒުމަތީސަމުސާ ފިޝްސޯސް
ލޮނާއި އަސޭމިރުސްކޮޅެއް
1ސައިސަމުސާ ސެސަމީ ސީޑު
ހުރިހާ ސޯސްކޮޅެއް ވަކިން ބޯތަށްޓެއްގައި އެއްކޮށްލާފައި ބަހައްޓާށެވެ. ފުން ތަވައެއްގައި ތެޔޮކޮޅު ހޫނުކުރުމަށްފަހު ޑިނގާ އަދި ބޯވަދިލަމަސްކޮޅު 2 މިނިޓު ވަންދެން ތެލުލާށެވެ. ލޮނުމެދާއި މިރުސް އަޅާލުމަށްފަހު 10 ސިކުންތުވަރު ވަންދެން ހާކާލުމަށްފަހު ފިޔާކޮޅު އެއްކޮށްލައި 1 މިނިޓުވަންދެން މީރުކޮށްލާށެވެ. އެއަށްފަހު ކެރެޓު، ރެޑިޝް، ސްޕްރިންގު އޮނިއަން އެއްކޮށްލައި، ލޮނާއި އަސޭމިރުސްކޮޅެއް އަޅާލުމަށްފަހު އިތުރަށް ދެ މިނިޓު ވަންދެން އުނދުންމަތީ ކައްކާލާށެވެ. އޭގެ ތެރެއަށް އެއްކުރި ސޯސްތައް އަޅާލައި އެއްކޮށްލުމަށްފަހު ކުޑަކޮށް ގިނިމަޑުކޮށް، ނޫޑުލްސްކޮޅު ސޯސްގަނޑާ ރަނގަޅަށް އެކުވަންދެން ހާކާލާށެވެ. ކޮށާފައިހުރި ބެސިލް އަދި ސިލާންޓްރޯ މައްޗަށް އަޅައި ނޫޑުލްސްއާ އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލައި، ސެސަމީ ސީޑުކޮޅެއް މައްޗަށް އަޅާލާށެވެ.