ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޚިޔާލުތަފާތުވުންތައް ހުއްޓަސް ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް

އަހުމަދު ޖައިޝަން

ޚިޔާލުތަފާތުވުންތަކާ އެކު ވެސް ކޯލިޝަން ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި އެކި ފިކުރުތަކުގެ ސިޔާސީ ލީޑަރުން ތިއްބަވާ އިރު ޚިޔާލުތަފާތުވުން ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެކަމަކީ ކޯލިޝަން ރުޅުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

"މިހާރު އުފެދިގެން މި އުޅޭ ޚިޔާލު ތަފާތުވުމަކީ މަޖިލިސް އިންތިޚާބާ ގުޅިގެން އުފެދިގެން އުޅޭ ކަމެއް. ހުރިހާ ޕާޓީއަކުން ވެސް ބޭނުން ވަނީ އެބަޔަކު ބޭނުން ވަރަކަށް މަޖިލިސް ގޮނޑި ނަގަން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި ޕާޓީތަކާ އެކު އަދި އެމްއާރްްއެމްއާ އެކު ހެދިފައި އޮތީ ވަކި ވަކި އެގްރީމެންޓުތަކެއް ކަމަށާއި ރިޔާސީ އިންތިޚާބަަށް ފަހު އެހެން އިންތިޚާބުތަކާ ގުޅޭ ގޮތުން އެންމެން އެއްބަސްވާ އަދި އެންމެން ސޮއިކޮށްފައިވާ އެއްބަސްވުމެއް ހަދަން ކުރެއްވި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

"މަޖިލިސް އިންތިހާބާ ގުޅޭގޮތުން ވަކި އެއްބަސްވުމެއް ނެތީމަ ކޮންމެ ބައެއްވެސް އެބަޔަކު ބޭނުންވާ ވަރަށް ގޮނޑި ނެގުމުގެ މަސައްކަތް ކުރަމުން ގެންދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.