ޚަބަރު

ލ. އަތޮޅު ދުވުމުގައި ރައީސް އެއްވެސް ބުއިމެއް ޕްރޮމޯޓެއް ނުކުރައްވާނެ: މަހްލޫފް

އަހުމަދު ޖައިޝަން

ލާމު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި އެއްވެސް ކަހަލަ ބުއިމެއް، ބްރޭންޑެއް އަދި ކުންފުންޏެއްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮމޯޓު ނުކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ލާމު އަތޮޅުގެ ލިންކް ރޯޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮކާކޯލާ ރަން އިން ލާމު"ގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުމަށް ނިންމަވާފައިވާއިރު އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ.

ފިޒީ ޑްރިންކްސް ފަދަ ބުއިންތަކާ ދުރަށް ދިޔުމަށް ސަރުކާރުން ޕްރޮމޯޓުކުރާއިރު ކޮކާކޯލާ ނަން ހިމެނޭ ދުވުމެއްގައި ބައިވެރިވުމަކީ ގޯސް ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ.

ޓީއެފްޖީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަން އިން ލާމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ލ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި އެ އިވެންޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގައެވެ