މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ފަސް ސުވާލެއް އިމްރާނަށް ފޮނުއްވައި، ލިޔުމުން ޖަވާބު ހޯއްދަވައިދެއްވުމަށެވެ.
އެ ސުވާލުތަކަށް ޖަވާބު ހޯއްދަވައިދެއްވަން މީކާއިލް އެދިވަޑަައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުންނެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް މޫނާ ދިމާކޮށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި އަންހެނަކު ފުރަގަހަށް ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލައި މޫނަށް ޕެޕާ ސްޕްރޭ ޖަހާތަން ފެންނަ ވީޑިއޯ އާއި ފޮޓޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ އިރު، އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ވަނީ އަމުރުކުރައްވައިފައެވެ. އަދި ރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމުންވެސް ވަނީ ބުނެފައެވެ.