ރިފާ ހަލީލު
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ މުޅި އައްޑޫ ސިޓީ މޮނިޓަރިން އަށް ލުމާ ގުޅިގެން އެ ސިޓީގައި ގޭގެއަށް ޒިޔާރަތް ކުރުން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އައްޑު ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލާފައިވަނީ އިއްޔެ އެވެ. ނަމަވެސް އޭގެ ކުރިން ވަކިން އޮންނަ ހުޅުމީދޫ އިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން އެރަށްވެސް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެހެން ކަމުން މިހާރު މުޅި އައްޑޫ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާ ކުރެވޭތީ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވައިލަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މިވަގުތުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކަށް އޮންނަ އުސޫލުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށާއި މި ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށްވުމުން މި ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.