ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އަދި ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ވަން އޮންލައިން" އަށް ވިދާޅުވީ އެ އިސްލާހު ވަނީ މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ.
އެ އިސްލާހު ހުށަހަޅާފައިވަނީ ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް ކަމަށްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.
ވަން އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ވިދާޅުވީ މީގެކުރީން އެ ބިލު ހުށަހަޅާފައިވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް އެ ބިލު ގާނޫނާއި ގަވާއިދަށް ނުފެތޭތީ ވާނީ ފޮނުވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ އަލަށް ހުށަހެޅި ބިލަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެއް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހުށަހެޅި އެ ބިލަކީ އަދި މަޖިލީހުގެ ތަޅުމަށް ވައްދާފައިވާ ބިލަކަށް ނުވުމުން އަދި އެ ބިލާ ގުޅޭގޮތުން އިތުރު މައުލޫމާތުތަކެއް ފޯރުކޮށްދެވެން ނެތް ކަމަށް ނިއުޝާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ޓިކެޓުގައި މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވާނެއެވެ.