ފިތުރު ޒަކާތް ނެގުމުގެ މަސައްކަތުގައި އުޅެދޭނެ ދަރުމަވެރިން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ނިންމާފައިވާތީ ޒަކާތް ނެގުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ދަރުމަވެރިން ބޭނުންވާ ކަމަށެވެ.
އެހެންކަމުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން 9136188/7975713 ނަންބަރު ފޯނަށް ގުޅައި އެކަން ހިއްސާކުރުމަށް މިނިސްޓްރީން އެދެއެވެ.
މާލޭގައި ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގައެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އަކުން 12:00 އަށް، މެންދުރު ފަހު 12:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ހޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4. ކިލޯގެ މިންވަރެވެ.