ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން: މިނިސްޓްރީ

އަލީ ޔާމިން

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކޭނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މާލޭގައި ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖައްސާފައިވާ ތަކެތި:

  • އާދައިގެ ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ގޮދަން ފުށް
  • ތައިލެންޑް ހަނޑޫ
  • ރަތް ހަނޑޫ
  • އާޓާ ފުށް

އިސްލާމިކް މިނިސްޓްރީން ބުނީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އަކުން މެންދުރު 12:00 އަށާއި މެންދުރުފަހު 12:00 އިން 14:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.