މަސައްކަތްތެރީންގެ ހައްގުތައް ހޯދަން ކަނޑުމަތީގައި އިހުތިޖާޖުކޮށްފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ޓްރޭޑް ޔުނިއަން (އެމްޓީޔޫސީ) އިން އިސްނަގައިގެން މަސައްކަތްތެރީންގެ ހައްގުތައް ހޯދުމަށް ކަނޑުމަތީގައި ކުރި އިޖުތިޖާޖު ފެށީ މިއަދު ހަވީރު 16:15 ގައި ހުޅުމާލެއިންނެވެ.
ހަ ކަންނެލި ދޯނީގައި ހުޅުމާލެއިން ފުރައިގެން އިހުތިޖާޖުގެ ބައިވެރިން ވަނީ އެއް ނަންބަރު ފާލަމާ ކައިރިއަށް އައިސް، އަޑުގަދަ ކުރާ ބޭނުންކޮށްގެން އަޑު އުފުލައިފައެވެ. އެ އިހުތިޖާޖުގައި މަސައްކަތްތެރިން ނިސްބަތްވާ ގިނަ ޖަމިއްޔާތަކުން 120 ވުރެ ގިނަ މަސައްކަތްތެރީން ބައިވެރިވިއެވެ.
އިޖުތިޖާޖުގެ ބައިވެރިޔަކު "ވަން" އަށް ބުނީ، އެ އިހުތިޖާޖަށް ނުކުތީ މަސައްކަތްތެރީންގެ ހައްގުތައް ހޯދުމަށާއި މަސައްކަތްތެރީންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި މަސައްކަތްތެރީންގެ ދުވަހު ސަރުކާރު ބަންދު ކުރުމަކުން އަދި ނުފުދޭ ކަމަށާއި މަސައްކަތްތެރީންގެ ހައްގުތައްވެސް އަދާކޮށްދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ އިހުތިޖާޖުގައި ބޮޑުކަންނެލި އެސޯސިއޭޝަނާއި ޓީޗާސް އެސޯސިއޭޝަނާއި ހެލްތު އެސޯސިއޭޝަނާއި ލެބޯޓަރީ އެސޯސިއޭޝަނާއި ޓޫރިޒަމް އެމްޕްލިޔީސް އެސޯސިއޭޝަނުން ބައިވެރިވިއެވެ. އިޖުތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ޑިމާންޑު ކޮށްފައިވަނީ މިނިމަން ވޭޖު ކަނޑައެޅުން އަވަސްކުރުމަށާއި މަސައްކަތުގެ ނިމޭގަޑި ކަނޑައެޅުމަށާއި ސިއްހީ ދާއިރާގެ އޮނިގަނޑު ހަރުދަނާ ކުރުމާއި އިތުރު ގަޑީ މަސައްކަތް ކުރާނަމަ އެކަމުގެ އުޖޫރަ ދިނުމަށެވެ.