ޚަބަރު

މާތް ނަބިއްޔާއަށް ފުރައްސާރަކުރި ކަމަށް އިބުރާގެ ޓުވީޓުން ދޭހައެއް ނުވޭ: ޝެއިޚް ޝަފީއު

އިބްރާހީމް އިސްމާއީލް (އިބްރާ) މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި ކަމަށް ބުނެ ދައުރުކުރާ ޓުވީޓުގައި މާތް ނަބިއްޔާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ދޭހަ ނުވާ ކަމަށް ދީނީ އިލްމުވެރިޔާ އައްޝެއިޚް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޝަފީއު އެހެން ވިދާޅުވީ އޭނާ ޝާއިއުކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. ޝަފީއުގެ ޓުވީޓުގައި ވިދާޅުވީ އެ ޓުވީޓުން ރަސޫލާއަށް ފުރައްސާރަކުރިކަމަށް ދޭހަ ނުވި ނަމަވެސް ބަސްމަގު ހުރީ ހުތުރުކޮށް ކަމަށެވެ.

ޝެއިޚް ޝަފީއުގެ ޓުވީޓުގައި ވިދާޅުވީ، އިބުރާގެ ޓުވީޓުގައި ވާހަކަތައް ގެނެސްފައި ވަނީ، އޭނާގެ ޚަސްމުން ބުނާ ވާހަކައެއްގެ ގޮތަށް ކަމަށެވެ. އަދި އެއަށްފަހު އޭނާ ސުވާލުކޮށްފައި ވަނީ އެތަނުން ރަސޫލަކީ ކާކުތޯ ކަމަށާއި އެ ސުވާލަކީ ވެސް އޭނަގެ ޚަސްމުންނާ ކޮށްފައި އޮތް ސުވާލެއް ކަމަށެވެ. ޓުވީޓުގެ ބަސްމަގު ވަރަށް ގޯސް ކަމަށާއި އެހެން ނަމަވެސް އެ ޓުވީޓުގެ ސީޣާއިން އެއީ މާތް ނަބިއްޔާއަށް ފުރައްސާރަކޮށްފައި އޮތް ޓުވީޓެއް ކަމަށް ދޭހައެއް ނުވި ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އޭނާ މި ފަދައިން ލިޔުއްވުމުގެ މާނަ އަކީ އޭނާ އިބްރާގެ ދިފާއުގައި ތެދުވެވަޑައިގަތުން ނޫން ކަމަށާއި، އިބުރާ ލިޔުއްވި އެއްޗަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ ރައްޔިތުންނަަށް އެކަމާ އިހުތިޖާޖުވެސް ކުރެވިދާނެ ކަމަށެވެ.

"އެކަމަކު މިފަދަ ހުރިހާ ކަމަކަށް ފިޔަވަޅު އަޅަން ޖެހޭނީ ކަމާ ބެހޭ ފަރާތްތަކުން. ރައްޔިތުންނަށް ނުކުމެ އިހުތިޖާޖުވެސް ކުރެވިދާނެ. ނަމަވެސް އޭނާގެ ޖިސްމަށާއި މުދަލަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން ގޯސްކަމެއް ކަމަށް ދެކެނީ." ޝެއިޚް ޝަފީއުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޝަފީއުގެ މި ޕޯސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ވެސް އިބުރާގެ ޓުވީޓުން މާނަ ކުރެވެނީ ޝަފީއު އެވިދާޅުވި ގޮތަށް ކަމަށް ބުނެފަ އެވެ. މި ޕޯސްޓަށް އިބުރާ ވެސް ވަނީ ކޮމެންޓު ކުރައްވައިފަ އެވެ.

އެ ގޮތުން ހުތުރު ބަސްމަގު ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި އިބުރާ ވިދާޅުވެފައި ވަނީ، ހުތުރު ބަސްމަގެއް ނުވަތަ އެފަދަ ބަހަކަށް ބޭނުންކުރެވިފައި ވަނީ "އެނދުކޮޅު" ބޭނުންކުރަންވީ ތާކަށް "އެނދު" އެކަނި ކަމަށާއި ދެން ބޭނުންކުރައްވާފައިވާ ބަސްމަގަކީ ކީރިތި ރަސޫލާގެ ސިޔަރަތުގައި ވެސް ބޭނުންކުރާ ބަސްމަގު ކަމަށެވެ. އަދި އޭނާގެ ޓުވީޓުގައި ދައްކަވައިފައިވާ ވާހަކަތަކުގެ މާނަ އޮޅުވައިލަން ބަޔަކު މަސައްކަތްކުރާ ކަމަށާއި ހަގީގަތުގައި އެވާހަކައަކީ ދެކެވެމުން އައި ވާހަކަތަކެއްގެ ތެރެއިން މާތް ނަބިއްޔާގެ ދިފާއުގައި ދައްކަވައިފައި ހުރި ވާހަކަތަކެއް ކަމަށެވެ.

އިބުރާގެ އެ ޓުވީޓާގުޅިގެން އޭނާ ހިންގަވާ މަންދު ކޮލެޖަށް ވެސް ބަޔަކު ވަނީ ގެއްލުން ދީފަ އެވެ. އަދި މަގުމަތީން އޭނާއާ ދިމާކޮށް އޭނާ އަކީ ދުނިޔޭގައި ބަހައްޓަން ޖެހޭ މީހެއް ނޫން ކަމަށާއި ކޮށައިލަން ޖެހޭ މީހެއް ކަމަށް ބުނެ ވެސް ވަނީ އަޑު އުފުލައިފަ އެވެ.