ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތީ ލަންކާގެ މަސްބޯޓުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
މ. އަތޮޅާއި ވ. އަތޮޅާ ދިމާލުން އިރުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލު އެތެރެއިން އެ ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓް ގާޑު ޝިޕް ހުރަވީން ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައެވެ.
އޭގެ ތެރެއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި އިރު، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ބޯޓުތައް އިއްޔެ ހަވީރު ހުޅުމާލެއަށް ގެނެސް، ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެ ބޯޓުތަކުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ބޯޓުތައް ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާ ބޯޓެއް ވަނީ އަތުލައިގެންފައެވެ.