ޚަބަރު

ސިނަމާލެ ބްރިޖާއި ހައިވޭގައި ހަރުކުރަން 77 ކެމެރާ ހޯދަނީ

އަހުމަދު ޖައިޝަން

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސާވެއިލެންސް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކެމެރާ ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބްރިޖް އަދި ހައިވޭއަށް ބޭނުންވާ ކެމެރާތަކާ ގުޅޭ ތަފްސީލު ހާމަކުރާނީ ޕްރީ ބިޑް ބައްދަލުވުމުގައި ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ މިމަހުގެ 27 ކަމަށާއި ބީލަން ހުޅުވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ބުރިޖާއި ހައިވޭގައި ދުއްވާ ބާރުމިން ދެނެގަތުމަށްޓަކައި ކެމެރާ ހަރުކޮށް، ގައިވައިދާ ހިލާފުވާ ފަރާތްތަކުގެ ފޯނަށް ވަގުތުން އެސްއެމްއެސް ފޮނުވާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މި މަހު ކުރީކޮޅު ބުނެފައެވެ.

ބުރިޖާއި ހައިވޭގައި ގިނަ އަދަދެއްގެ އެކްސިޑެންޓުތައް މި ފަހަކަށް އައިސް ދަނީ ހިނގަމުންނެވެ.