އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލުގައި ލާދީނީ ޓެގު އަޅުވައިގެން ކުރަމުން ދާ މަސައްކަތަކީ އެ ފަރާތްތަކުންގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ މަސައްކަތް ކަމަށް މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ގަސަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ކުރުމަށް އުޅޭ ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ.
"ހޯހޯހޯ ތިކަމެއް ނުވާނެ. ރައްޔިތުން މިތިބީ ހޭލާ. ބަޣާވާތަކަށް އިތުރު ފުރުސަތެއް ނެތް،" އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން އަންނަނީ މިއަހަރު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީން އިންތިހާބުގައި ބައިވެރިވާނެ މެމްބަރުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވައިފައެވެ.
އަދާލަތު ޕާޓީން ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއަކަށެވެ. އެއީ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީއެވެ. ޖުމްހޫރީ ޕާޓީން އަންނަނީ އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ބައިވެރިވާނެ ފަރާތްތަކަށް އެޕާޓީގެ ޓިކެޓު ދެމުންނެވެ. އަދި ޕީޕީއެމުން ވެސް ވަނީ އެޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ބައިވެރިވާ ފަރާތްތަކަށް މީގެކުރީން ޕާޓީގެ ޓިކެޓު ދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގައެވެ.