ބ. އޭދަފުށިން 38 މީހަކާއި ކ. ހިންމަފުށިން 28 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭދަފުށިން މިއަދު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރައިފައެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިހާތަނަށް 995 ސާމްޕަލް ނަގާފައިވާ ކަމަށާއި މިއަދުވެސް 82 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި 78 ސާމްޕަލެއްގެ ނަތީޖާ ނުލިބިވާ ކަމަށްވެސް ބުންޏެވެ.
ހިންމަފުށިންވެސް މިއަދު ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެރަށުން މިއަދު 28 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 49 އަށް އަރައިފައެވެ.
އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ހިންމަފުށި މޮނީޓަރިންއަށް ލާފައިވަނީ އެރަށުގައި ހުންނަ އައްސޭރި ޖަލުގެ ވެއިޓަރަކާއި ސެކިއުރިޓީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން 464 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއިން އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު އެކަނިވެސް މާލެއިން 207 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.