ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީއިން ދައުލަތުގެ ފަރާތުން ސުއޫދުގެ މައްޗަށް ދައުވާ ނުކުރަނީސް ކޯޓުން ދައުވާއެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވަނީ ޓުވީޓެއްގެ ޒަރިއްޔާއިންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގޮތް ނޭނގޭ މަރުތައް އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުގެ މައްޗަށް ޕީޖީން ދައުވާ ނުކުރަނީސް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާ އެއް ނުކުރެވޭނެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސުއޫދު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، އެ ކޯޓުން ސުއޫދާ ދެކޮޅަށް މައްސަލަ ބެލުމަށް ނިންމުމާ ގުޅިގެންނެވެ. މިދިޔަ އަންގާރަ ދުވަހަށް މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކުރެވުނު ނަމަވެސް ފަހުން އެ އަޑުއެހުން ވަނީީ ކެންސަލްކޮށްފައެވެ.
ސުއޫދުގެ މައްޗަށް ކްރިމިނަލް ކޯޓުން ދައުވާ ކޮށްފައިވަނީ އެ ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ. މި މައްސަލަ ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އަންނަނީ ބަލަމުންނެވެ.