ޚަބަރު

ހާލަތު އިތުރަށް ގޯސް، މިއަދުވެސް ރެކޯޑު އަދަދެއް، 386 މީހުން ޕޮޒިޓިވް

މިދިޔަ 24 ގަޑިއިރު ތެރޭ 386 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 28،588 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 105 މީހަކާއި އަތޮޅުތެރެއިން 198 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން ހަ މީހަކު އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 77 މީހުން ކަމަށެވެ.

މިއަދުވެސް މިވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑު އަދަދުތައް އުޅެނީ ކަންބޮޑުވާ މިންވަރަށް މަތީގައެވެ. އިއްޔެ ވެސް 328 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހުކުރު ދުވަހު 319 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވިއެވެ. އަދި މިދިޔަ އާދީއްތަ ދުވަހު 253 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 78 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 24،499 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 4،009 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 119 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 71 މީހަކު ވަނީ މަރުވެފައެވެ. އެއީ 64 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.