"މީހަކާ އިނދެގެންތަ އުޅެނީ؟" ހުސްނީ އަހާލިއެވެ. އަމިއްލަ ހާލާމެދު ލަދުވެތިކަން ނޫރާއަށް އިހްސާސްވިއެވެ. އޭނައާމެދު މީހުން ދެކޭ ގޮތް ބަދަލުވާނެކަންވެސް އެނގެއެވެ. ދޮގު ހެދުމަކީ އޭނާގެ ކިބައިގައިވާ ސިފައެއް ނޫނެވެ. އޭނާއަށް ހެދުނު ގޯހުގެ އަދަބު މިދަނީ ލިބިގަންނަމުންނެވެ. ދެން އޮތީ އޭނާ ސާރިމްއަށް ކުރާ އިތުބާރެވެ. އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދަނިކޮށް އަނެއްކާވެސް ހުސްނީގެ އަޑު އިވުނެވެ. މިފަހަރު ހުސްނީގެ ސުވާލާއެކު ނޫރާއަށް ހީވީ މޫނުމައްޗަށް އަނދިރިވެފައި އަލުން އަލިވިހެންނެވެ.
"ވިހައި ގަދަވީމައި އަހަންނާ އިންނަން ވީނު." ނޫރާއަށް އޮވެވުނީ އަޖައިބުވެފައެވެ. މި ފިރިހެނާ އޭނައާ ހެދި މޮޔަވީ އޭނާގެ ކޮން ސިފައެއް ފެނިގެން ކަމެއް ނޭނގެއެވެ. އެހެން މީހަކުނަމަ ދުއްވައި ގަންނާނީ ދުރަށެވެ.
"އަހަރެންގެ އިންތިޒާރުގައި މީހަކު އެބަހުރި... އަހަރެން މިދަނީ އަހަރެން ދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ކައިރިއަށް." ނޫރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އޭނާއާ ދިމާލަށް ހުސްނީ ހިނިތުންވެލިއެވެ. ދެން ތެދުވެގެން ހިނގައިގަތެވެ. އިތުރަށް ހައިރާންވެފައި ނޫރާއަށް އޮވެވުނެވެ. ހުސްނީ ރުޅިއެއް ނައެވެ. ކީއްވެ ކަމެއް ނޭނގެއެވެ.
ޖެހިގެން އައި ދުވަހު އެބުނާ ރަށަކަށް ދެވުނެވެ. ދޯނި ފަޅަށް ކައިރިވިތަނާ ހުސްނީ އަތުވެއްޖެއެވެ. ދޯނިން ފައިބައިން އެހީތެރިވެދިނެވެ. ބަނދަރަށް ފައިބާފައި ނޫރާއަށް ހުރެވުނީ ހިނގައިގަންނާނެ ދިމާލެއް ނޭނގިފައެވެ. ބަނދަރުގައި އޮތީ އެންމެ ބޯޓެކެވެ. އެއީ ހުސްނާ އެބުނި މާލެ ފުރާ ބޯޓު ކަމަށް ވެދާނެއެވެ.
"ކޮންތާކަށް؟" ފަހަތުން ހުސްނީ އަޑު އިވިފައި ނޫރާ ބަލާލިއެވެ. އޭނާ އިޝާރާތުން އެ ބޯޓު ދައްކާލިއެވެ. ހުސްނީ ހިނިއައިސް ހުރެ އައިސް ނޫރާގެ އަތުގައި ހިފިއެވެ.
"އެ ބޯޓް ފުރަނީ މާދަމާ ހުކުރު ކޮށްގެން. ފުރަން ވަންދެން އަހަރެމެން ގޭގައި ހުރެވޭނެ." ހުސްނީ ހިނގައިގަތެވެ. ދޯނީގައި ތިބި މީހުން ހޯގޮވައިގަތެވެ. ހުސްނީ އުޅޭ ފާޑުން މީހުން މަލާމަތް ނުކުރިއްޔާ ދެރައެވެ. ހުސްނީ އެޅި ކޮންމެ ފިޔަވަޅަކާ އެއްވަރަށް ނޫރާވެސް ހިނގަމުން ދިޔައެވެ. ހުސްނީގެ އަތުން ވީއްލިގެން އޭނާ ގޮސް ވަންނާނެ ހިޔާވައްސެއް ނުހުންނާނެއެވެ.
ހުސްނީގެ ގެއަކީ ވަރަށް އާދައިގެ ގެއެކެވެ. ހިތްގައިމު ކަމެއް ހުރީ ހަމައެކަނި ގޯތިތެރޭގައި ހުރި ގަސްތަކުގައެވެ. ފުރާޅުގަނޑު ނޫން ހުރިހާ ތަނެއް ފަނުންނެވެ. އެކަމަކު ވަރިހަމަތާއެވެ. މެހެމާންދާރީ ރަނގަޅެވެ. އެގޭގައި ހުރީ ހުސްނީގެ މާމަ އެކަންޏެވެ. އެމީހާވެސް ލޯބޯކޮށިކަމުން ހުސްނީ އާއެކު ނޫރާ އައިކަން ވަކިވާވަރެއް ނޫނެވެ.
ރަށަށް ލެފުނު ފަހުން ހުސްނީ ކެއްކީ ލޮނުކަންޏެވެ. އެއީ ބަލިވެއްޖެނަމަ ނޫރާއަށް މަންމަވެސް ކައްކައިދޭ އެއްޗެކެވެ. އެންމެ ފުރަތަމަ އެ ތަށިން ނެގި ސަމުސަލުން ކުޑަ އެތިފޮދެއް ރަހަބަލާލާފައި ނޫރާއަށް އިނދެވުނީ މަންމަ މަތިން ހަނދާންވެފައެވެ.
"ރަހަ ހެޔޮވަރުތަ؟" ހުސްނީ ދަނގަޑު ބޯތައްޓަކަށް ލޮނުކަނދި އަޅައިގެން އައިސް އިށީންނަމުން އަހާލިއެވެ. ޣަރަގުވަމުން ދިޔަ ޚިޔާލުތަކުގެ ތެރެއިން މިފަހަރުވެސް ނެރެދިން މީހަކީ ހުސްނީއެވެ. ނޫރާ ބޯޖަހާލިއެވެ. އޭނާ އިނީ ބަސްބުނަން އުދަނގޫވެފައެވެ. ހުސްނީވެސް އޭނާގެ ކުރިމަތީ އިނދެ ކަމުން ދިޔައެވެ. ދެމީހުންގެ މެދުގައި ވީ ހިމޭންކަމެވެ.
"ހުސްނީ ދުވަހަކުވެސް މީހަކާ ނީންނަންތަ؟" ނޫރާ އިސްވެ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކިއެވެ. ހުސްނީ އިސްއުފުލައި ބަލާލިއެވެ. އޭނާގެ ހަރަކާތް އިރުކޮޅަކަށް ހުއްޓުމަކަށް އައެވެ. އަނގައަށް ލާން ނެގި ސަމުސާ ތަށި ތެރެއަށް ލިއެވެ. އެކުރި ސުވާލުން އޭނާގެ ތަބީއަތް މުޅިން ބަދަލުވެއްޖެކަން ނޫރާއަށް ނަގައިގަނެވުނެވެ.
"ފަގީރުންނާ އިންނާނެ މީހުންނެއް ނުވޭ." ކުރި ސުވާލާއި ހިތްހަމަނުޖެހީކަން ޔަޤީނެވެ. ޖަވާބު ދީފައި ނޫރާގެ މޫނަށްވެސް ނުބަލާ ހުސްނީ އެތަނުން ގޮއްސިއެވެ. ބޯތަށީގައި ހުސްނުވެ ދެބައިކުޅައެއްބައިގައި ލޮނުކަނދި އެބަހުއްޓެވެ. ހުސްނީގެ ނަމުން ގޮވަމުން މާމަ ނިކުތީ އެވަގުތެވެ. ލޮލަށް ނުފެންނާތީ ތަނެއްގައި އަތްޖެހޭތޯ އަތް ހޫރަމުން ނިކުންނަން ފެށިއެވެ. ގޭގެ އޮޅިގަނޑުން ނިކުންނަތަނުން ވެއްޓިދާނެއޭ ނޫރާ ހިތަށް އެރިއެވެ. އަވަހަށް ތެދުވެ އެދިމާލަށް ދެވުނެވެ.
މާމަގެ އަތުގައި ނޫރާ ހިފަހައްޓާލިއެވެ. އެވަގުތު ސިހިފައި އެ މުސްކުޅި މީހާ މުޅިން ހުއްޓުން އެރިއެވެ. ނޫރާގެ އަތުގައި މާމަ ހިފަހައްޓާލިއެވެ. ފުރަތަމަ ބީހުމުންވެސް އެއީ ހުސްނީ ނޫންކަން މާމައަށް އެނގުނެވެ. ނޫރާގެ މޫނުގައި މާމަ އަތްޖައްސާލިއެވެ.
"އަހަރެންގެ ލޮލަށް ނުފެނުނަސް އަހަންނަށް ޔަޤީން ތިއީ ވަރަށް ރީތި ކުއްޖެއްކަން." ހުސްނީގެ މާމަ އަޑުގައި ހުރީ އޯގާތެރިކަމެވެ. ފުޅާ ހިނިތުންވުމަކާއެކު އެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހީވަނީ ނޫރާގެ ސޫރަ ފެނިގެން ހެންނެވެ.
"މާމާ" ހުސްނީގެ އަޑު އިވުނެވެ. އެއަޑަށް ނޫރާގެ އަތުން ދޫކޮށްލާފައި މާމަ ދުރަށް ޖެހިލިއެވެ. ހުސްނީ އައީ ގެއިން ބޭރުންނެވެ. އަތުގައި ކޮތަޅެއް އޮތެވެ. މާމައާ ދިމާލަށް ހަރު ހިނގުމެއްގައި އައިސް ހުއްޓުނެވެ. މާމަގެ އަތުގައި ހިފާފައި އެކޮތަޅު ދިއްކުރީ ނޫރާއަށެވެ. އެ ކޮތަޅުގައި ހުރީ ހެދުމެވެ. ދެން ތުވާއްޔެކެވެ. ރީތިވާ އެއްޗިއްސެވެ.
ނޫރާ ފެންވަރައިގެން ނިކުން އިރު ގޯތިތެރޭގައި ހުރި އުނދޯލި ގޭގައި މާމައާ ވާހަކަދައްކަން ހުސްނީ އިނެވެ. ނޫރާ ތައާރަފްކޮށްދިނީ ކީކޭ ކިޔާފައިކަމެއް ނޭނގެއެވެ. މާމަގެ ބަހުރުވަ މުޅިން ތަފާތުވެގެން ދިޔައެވެ. ނޫރާއަށް ކިޔަނީ ދަރިފުޅާ ކިޔާފައެވެ.
ހުކުރު ދުވަހު ފުރާ ވާހަކަ ބުނުމާއެކު މާމަގެ ކުލަވަރު ފަނޑުވެފައިވާތަން ފެނުނެވެ. އެމީހުންގެ ހެޔޮކަމުން އެގެއާ ދުރަށް ދާން ނޫރާވެސް ބޭނުން ނުވާ ކަހަލައެވެ. ފުރަންދަންދެންވެސް އޭނާ އިނީ މަޑު ނެގިފައެވެ. ހުކުރުން ފައިބައިގެން އައިސް ހުސްނީ އޭނާ ފުރަންދާން ނިކުންނަން ބުނެފިއެވެ. ބޯޓާ ހަމަޔަށް ދެވެންދެން ދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ބަނދަރަށް ދެވުމުން ނޫރާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހުސްނީ ނުހިފައެވެ. ހަމައެކަނި ބުނެލީ ހިތްހެޔޮކުރުމަށެވެ.
ބޯޓަށް އަރަންދެން ހުސްނީ ބަލަން ހުއްޓެވެ. ރަށާ ނިވާވަންދެން ހުސްނީއަށް ނޫރާ ބަލަން އިނެވެ. އެދުމެއް ނެތި މި ދުނިޔޭގައި ހުސްނީ ކަހަލަ މަދު މީހަކު އުޅެއޭ އޭނާ ހިތަށް އެރިއެވެ. ބޯޓުގެ މިސްރާބު ބަދަލުވެ ދެކުނަށް އަނބުރާލައިފިއެވެ. ރަށާ މާދުރަށް ދެވިއްޖެއެވެ. މާލެއާ ކައިރިވާން ފަށައިފިއެވެ.
ސާރިމްއަށްޓަކައި އޭނާގެ ހިތާއި ނަފްސު ގޮވަންފެށިއެވެ. ސާރިމް އޭނާގެ އިންތިޒާރުގައި ހުންނާނެއޭ ހިތް ބުނަމުން ދިޔައެވެ. ދެރައީ ސާރިމްގެ އެޑްރެސްވެސް ނޭނގޭތީއެވެ. އެއީވެސް ނަސްރުގެ ނުބައި ކަމެވެ. އެ ފިރިހެނާ އެއް ދުވަހަކު ސާރިމްގެ ސިޓީއެއް ހިފައިގެން އައެވެ. އެ ސިޓީ ރައްދު ކުރުމުގެ ބަދަލުގައި އޭނާ އެދުނީ އޭނާ އެދޭ ކަމެއް ފުރިހަމަ ކުރުމަށެވެ. ސިޓީ ރައްދު ކުރާނީ އޭގެ ފަހުންނޭ ބުނެލިއެވެ. އެހާ ހިސާބުން އެއީ ސާރިމް ދިން ސިޓީއެއްކަމާ މެދުވެސް ނޫރާއަށް ޝައްކުވެއްޖެއެވެ. ފަހަރެއްގައި އެއީ ނޫރާ މަގު ފުރައްދަންވެގެން ދައްކާ ބަހަނާއެއްކަމުގައިވެސް ވެދާނެއެވެ. އެހެންވެ ނަސްރު އަތުން ސިޓީ އަތުލައި ކުދިކުދިކޮށްލީއެވެ. އެކަމާ ނަސްރު މަލާމަތްކުރިއެވެ. އެދުވަހު ނަސްރު ދިޔަ ފަހުން ކުރެވުނު މޮޔަކަމާމެދު ނޫރާ ދެރަވިއެވެ. އޭގެ ދެ ދުވަހެއް ފަހުން އަނެއްކާވެސް ނޫރާ ނަސްރުއާ ބައްދަލުކުރިއެވެ. ސާރިމްއަށް ގުޅައިދޭށޭ ކިޔަން ފެށިއެވެ. މިފަހަރުވެސް ނަސްރުގެ ޝަރުތަކީ އެފަދަ މުޑުދާރުކަމެއް ކުރުމެވެ. އައި ރުޅީގައި ނަސްރުގެ މޫނުގައި ތަޅައިގަތުމުން އެ ސިޓީ ވީދައިލީ ނަސްރެވެ. ދެވަނަ އަށް ލިޔުނު ސިޓީ ނޫރާގެ އަލަމާރީގައި އަދިވެސް އޮންނާނެއެވެ.
މާލެ ދެވުނީ ފުރައިގެން ދެވަނައަށް ވީ ދުވަހެވެ. މިފަހަރުވެސް އޭނާއަށް ބޯނަގަން ނުކެރި އޮންނަން ޖެހުނެވެ. މި ބޯޓުގައި އޭނާއަށް އަޅާލާނެ މީހަކު ނެތެވެ. ދެފަހަރަކު ފެން ފުޅިއެއް ގެނެސްދިނެވެ. ކާންވެސް ގެނެސްދިނެވެ. އެކަމަކު ނޫރާއަކަށް ނުކެވުނެވެ. މާލެ ފައިބަން ބުނުމުން ހިތްވަރަށް ނޫރާ ތެދުވިއެވެ. ބޯ އަނބުރާ ގޮތެއް ހުއްޓެވެ. އެއަށްވުރެ ބޮޑަށް އުދަނގޫވީ ބަނޑުގައި ރިހުމެއް ހުރީމައެވެ.
ދާނެ ދިމާލެއް ނޭނގިފައި ނޫރާއަށް ހުރެވުނެވެ. މަގުތަކުގެ ހަލަބޮލިކަމާއި މީހުން ގިނަވިއަސް އެއިން އެއްވެސް މީހެއްގެ ސަމާލުކަން އޭނައާ ހަމަޔަށް ނުހުއްޓޭކަން ކަށަވަރެވެ. މިއީ ނޫރާއަށް މުޅިން އާ ތަނެކެވެ. އުސްކޮށް ނަގާފައި ހުރި އިމާރަތްތައް ފެނި ނޫރާ ހައިރާންވިއެވެ. މިތަނުން ސާރިމް ހޯދަން އޭނާ ދާންވީ ކޮން ދިމާލަކަށް ކަމެއް ނޭނގެއެވެ.
އިރުގެ އަލިކަން ގަދަވަމުން ދިޔައެވެ. ހިނގަމުން ހިނގަމުން ނޫރާއަށް ނުކުމެވުނީ ބާޒާރު މައްޗަށެވެ. ބާޒާރުމަތި ތޮއްޖެހެމުން ދިޔައެވެ. ކާތަކެތިން ފުރި ބާރުވެފައިވާ މޭޒުތައް ފެނުނެވެ. ނޫރާއަށް ބަނޑުހައިކަން އިހްސާސްވިއެވެ. އެކަމަކު އޭނާގެ އަތުގައި އެއިން އެއްޗެއް ގަންނަން އެންމެ ބައިރުފިޔާއެއްވެސް ނެތެވެ.
މަގުގެ އެއްކައިރީ ބަރިހަދާފައި އެތިބީ ނޫރާ ފަދަ ވަންނާނެ ތަނެއް ނެތި ބާޒާރުމަތީ ނިދާ ކައިބޯހަދާ މީހުންނެވެ. އެތަނުގައި ނޫރާ އިށީނެވެ. ބާޒާރަށް އަންނަ މީހުންގެ ކައިރިން ސަލާންޖަހަމުން ދުވާ މީހުންވެސް ތިއްބެވެ. އެކަމަކު އޭނާ އިނީ މަޑުންނެވެ. ބަނޑުހައިވެ މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ ހަށިގަނޑުގައި ބޮޑުވަމުން އަންނަ ތުއްތު ފުރާނައާމެދު ހަމްދަރުދީ އުފެދުނެވެ. މިހެން ނުކައި އިންދާ އެ ދަރިފުޅު ވަކިވެދާނެކަމުގެ ބިރު ހިތަށް ވަދެއްޖެއެވެ. ނޫރާ އިންތަނުން ތެދުވިއެވެ. އޭނާ ހިނގައިގަތީ ކުރިމަތީގައި ހުރި ގޮޅިއާ ދިމާލަށެވެ. އެތަނުގައި ހުރި މީހާ ކުރުނބާއެއްގެ މަތި ކަނޑާލާ ހޮޅިއެއް ޖަހަނީއެވެ. ނޫރާއަށް ހިންދިރުވާލެވުނެވެ. އޭގެން އެންމެ ތިއްކެއް ނަމަވެސް އޭނާ އަރުތެރެއަށް ދާން ބޭނުމެވެ. އޭނާއަށް ހިނގައި ގަނެވުނީ ތަންކޮޅަކަށެވެ. ބަނޑަށް އެރި ރިހުމާއެކު ހީވީ މުޅިތަން ވަށައިގެން އެނބުރެން ފެށިހެންނެވެ. އޭނާގެ ދުލުން ބޭރުވީ ގަދަ އާހަކާއެކު މަންމަގެ ނަމެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ދެމީހަކު އައިސް ނޫރާ ހިފަހައްޓަން މަސައްކަތްކުރިވެސްމެއެވެ.
ސާރިމްއަށް އަލުން ކުރީގެ ވަޒީފާއަށް ދިއުމުގެ ހުއްދަ ލިބުނެވެ. ކުރިއެކޭ އެއް ފަދައިން ދާއޫދުގެ ގެސްޓްހައުސް ބަލަން އިތުރު މީހަކު ހަމަޖައްސައިފިއެވެ. މި ހަފުތާގައި ޝެރީން އުޅުނީ އަލުން ނޫރާގެ ސްކޫލު ބަދަލުކުރުމުގެ ކަންތަކުގައެވެ. މާލެ އައީ މާމަ ދެކިލާފައި އެނބުރި އެރަށަށް ދާން ނޫންކަން އެނގުމުން ނޫރާ އެކަމުގެ ޝަކުވާކުރިއެވެ. އާ ސްކޫލުން މާ ގިނަ ރައްޓެހިން ލިބޭނެ ކަމަށް ބުނެ ނޫރާ ހިތްހަމަޖައްސައިދެވޭތޯ ޝެރީން ބެލިއެވެ. އެކަމަކު އެކަންވީ ނޫރާ މަސަލަސްކުރެވޭވަރުގެ ބަހަނާއަކަށް ނޫނެވެ. ސާރިމް އާއެކު ކުޅޭހިތުން ނޫރާ ރޯން ފެށުމުން އެންމެފަހުން ޝެރީންއަށް ޖެހުނީ ރަމްލާއަށް ގުޅާށެވެ. އެއީ ރަށުން ފުރަނިކޮށް ރަމްލާ ދިން ނަންބަރެވެ.
ސާރިމް އޮފީސް ނިމިގެން ގެއަށް އައި މަގުމަތީ ފިހާރައަށް ވަނީ ގެއަށް ދާއިރު ނޫރާ ރުހޭނެ ކަހަލަ އެއްޗެއް ގަންނާށެވެ. ފިހާރައިން ނުކުމެ ސައިކަލަށް އަރަނިކޮށް އޭނާއަށް ފެނުނީ ދެމީހަކު ސައިކަލެއްގައި ހުރަސްކޮށްލިތަނެވެ. ޤަބޫލު ނުކުރެވިފައި ބަލަން ހުރެވުނެވެ. އެކަމަކު އެއީ ކާކުކަން އޮޅުވައިލެވޭ ވަރަށްވުރެ ދެކެފަރިތަ ދެމީހުންނެވެ.
ޒައިން އާއި ހިމްނާއެވެ. ސާރިމްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މާލެއަކީ އޭނާގެ ގަދަފައެއް ނޫނެވެ. އޭނާގެ ކޮޅަށް އަރާނެ ރައްޓެހިންނެއް ނެތެވެ. ކުރެވޭނެ ކަމެއް ނެތޭ ހިތަށް އެރުމުން މާޔޫސްވެއްޖެއެވެ. ޒައިންގެ ފަރާތުން ނުރައްކާ ވެދާނެ ކަމަށް މާކުރިންވެސް ޤަބޫލުކުރެވެއެވެ. އެކަމަކު ހިމްނާއަކީ ޝެރީންގެ އެކުވެރިޔާއެވެ. އޭރުވެސް އަދި މިހާރުވެސް ޝެރީން އެންމެ އިތުބާރުކުރާ ފަރާތެވެ.
ސާރިމް ގެއަށް ދިޔަ އިރު ޝެރީން އުޅެނީ ބޭރަށް ދާން ތައްޔާރުވާށެވެ. ސާރިމް އެންމެ ފުރަތަމަ ނޫރާގެ ކޮޓަރިއަށް ގޮސް ނޫރާ އާއެކު ކުޅެލަން މަޑުކުރިއެވެ. މިރޭ ނޫރާއަށް ޚާއްސަކޮށް ގެނައި ބެއާ ގޮވައިގެން ނޫރާ އުޅޭ ލޯބި ގޮތް ފެނިފައި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. ފަހުން ނުކުން އިރު ޝެރީން ގެއިން ނިކުމެއްޖެއެވެ.
ޝެރީންއަށް މެސެޖުކޮށްފައި ދިޔައީ ކޮންތާކަށްތޯ ސާރިމް އަހާލިއެވެ. އެ މެސެޖަށް ޖަވާބު އައީ ކުޑައިރުކޮޅެއް ފަހުންނެވެ. ހިމްނާ ދޭ ޕާޓީއަކަށޭ މެސެޖުގައި އޮތެވެ. މިރޭ ހިމްނާއާއި ޒައިން އެކުގައި ފެނުނު ހަނދާން ސާރިމް ވިއެވެ. އޭނާ ޝެރީންގެ ފޯނަށް ގުޅީ އެވާހަކަ ބުނާށެވެ. އެކަމަކު ޝެރީންގެ ފޯނު އެހާ އަވަހަށް އޮތީ ނިއްވާލާފައެވެ.
(ނުނިމޭ)