ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ އެންޓި ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މާދަމާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަށް އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އަބުރުގެ ގާނޫނާއި އެންޓި ޑިފެކްޝަން ގާނޫނަކީ އުސޫލުތަކާ ޚިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށް އެބޭފުޅުން ގަބޫލުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އަބުރުގެ ގާނޫނަކީ މީޑިއާއަށް ޖެއްސުންކުރުމަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ.
"އެހެންވީމަ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އަޅުގަނޑުމެން މާދަމާ ހުށަހަޅާނަން. ހަމައެއާއެކު ޚާއްސަކޮށް މީޑިއާއަށް ޖެއްސުންކުރުމަށް އަދި އުނދަގޫކުރުމަށް ފާސްކޮށްފައޮތް، ހަމަ އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި އުސޫލުތަކާ ޚިލާފަށް ފާސްކޮށްފަ އޮތް ގާނޫނެއް އެއީ އަބުރުގެ ގާނޫނު. މި ގާނޫނުގެ އުވާލުމަށް އަޅުގަނޑުމެން މާދަމާ މަޖިލީހަށް ވައްދާނަން،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެއީ މާދަމާ ކުރުމަށް ތާވަލްކުރެވިފައި ހުރި ކަންކަން ކަމަށާއި އަދިވެސް ކުރަންޖެހޭ އިތުރު މަސައްކަތްތައް އެބަހުރި ކަމަށެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮތީ ރައްޔިތުންގެ މަޖިލީސް ހުއްޓިފައި ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މަޖިލީހުގެ ރައީސް މަސީހު ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި މަސީހު އެ ހުންނެވީ ގަދަބާރުން ކަމަށް ވިދާޅުވެ ރީތިގޮތުގައި އިސްތިއުފާދެއްވުމަށް ރިޔާޒު މިއަދު ވަނީ އޭނާއަށް ގޮވާލައްވާފައެވެ.
"އެންމެ ރީތިގޮތަކީވެސް ތަހުޒީބު ގޮތަކީވެސް އެއީ. މިއަދު ރައްޔިތުންގެ މެންޑޭޓެއްގަ އަޅުގަނޑުމެން މިތިބީ ސަރުކާރާ ހަވާލުވާން. ނޮވެމްބަރު މަހުގެ 17 ގައި. އަޅުގަނޑުމެންގެ ޖޮއިންޓް ޕާލަމެމްޓްރީ ގްރޫޕުން މިއޮތީ ރައްޔިތުން ވިދާޅުވި ވިދާޅުވުމަށް މަޖިލީހުގެ ތެރެއިން ކޮށްދެވެން ހުރި ކަންތައްތައް އަވަހަށް ފަށަން،" ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ކުރިން ނިންމި ނިންމިން އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކުރުމާއެކު އެ މެމްބަރުންނަށް ދެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.