ޚަބަރު

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ރައީސް ދެބޭފުޅަކު އައްޔަން ކުރައްވައިފި

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް އަލަށް އައްޔަން ކުރައްވާފައިވަނީ ގ. ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް އަދި މ. ގަސީމު ފާތިމަތު ރަޝީދާއެވެ. މި ދެބޭފުޅުންވެސް މި މަގާމަށް އައްޔަންކުރެވިފައިވަނީ ހޯމަ ދުވަހު އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭގޮތުގައި މި ދެބޭފުޅުން މި ކޮމިޓީއަށް އައްޔަންކުރެވުނީ ކޮމެޓީގެ ދެ މެމްބަރަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އަލަށް އައްޔަން ކުރެވުނު ދެ ބޭފުޅުންނާއެކު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ޖުމްލަ ފަސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.