ޚަބަރު

އަކުރަމް ކުރިހާވެސް ކަމަކީ އެމްޑީޕީ ބައިބައި ކުރުމާއި ފިތުނަ އުފެއްދުން: އެލެކްސް އަހުމަދު

1

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަކުރަމް ކަމާލުއްދީން ކުރެއްވިހާވެސް ކަމަކީ އެމްޑީޕީ ބައިބައި ކުރުމާއި ފިތުނަ އުފެއްދުން ކަމަށް އެލެކްސް އަހުމަދު ބުނެފިއެވެ.

އެލެކްސް އަހުމަދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވަރަށް ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ބުނެފައެވެ. އަދި އެލެކްސް އަހުމަދުވެސް ވަނީ އޭނާ އަކީ ރައީސް ނަޝީދު ކަމަށް ބުނެ ޓުވީޓުތައް ކޮށްފައެވެ.

އެލެކްސް އަހުމަދު އިއްޔެ ކުރި ޓުވީޓެއްގައި ވަނީ އަކުރަމް ކަމާލުއްދީން، އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަމުގައި ހުންނަވައިގެން ކުރެއްވިހާވެސް ކަމަކީ އެޕާޓީ ބައިބައި ކުރުމާއި ފިތުނަ އުފެއްދުން ކަމަށެވެ.

"އެމްޑީޕީ ބައިބައި ކުރީ. ދޭތެރެ ޖެއްސީ. ފިތުނަ އުފެއްދީ. އެއީ ވަރަށް އެހެން ކަހަލަ ހުނަރެއް،" އެލެކްސް އަހުމަދުގެ ޓުވީޓުގައިވެއެވެ.

އެލެކްސް މިހެން ބުނެފައިވާ އިރު، ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީއަށް މާލެ އިން ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އަކްރަމް ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ގެންދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މާލެ ސަރަހައްދުން ލިބުނު ނާކާމިޔާބީގެ ޒިންމާ މުޅި ޕާޓީން ވެސް އުފުލާނެ ކަމަށެވެ. އަދި އެކަން ވެގެންދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕާޓީއެއް ވެރިކަމުގައި އޮންނަ އިރު އިންތިހާބުން ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި ތިއްބައި އިންތިހާބެއްގައި ނުކުންނަ ނަތީޖާ އަކީ، އެއީ ކާމިޔާބު ވިޔަސް ނާކާމިޔާބު ވިޔަސް އެއީ ސަރުކާރާ ގުޅުން އޮންނަ ކަމެއް ކަމަށެވެ. މާލޭ ސިޓީން ލިބުނު ނާކާމިޔާބު ވެސް އެކަން އެއީ ސަރުކާރާ ގުޅުން އޮތް ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟