އަހްމަދު ނިހާން ހުސައިން މަނިކު

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން މަޖިލީހުގައި ވާދަކުރުމަށް ތާއީދެއް ނުކުރަން: ނިހާނު

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވުމަށް ތާއީދު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ)ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަކީ އިހުތިރާމާއި ގަދަރު ވަރަށް ބޮޑަށް ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.

އަދި އެފަދަ މަތީ މަގާމެއް އަދާކުރެއްވުމަށްފަހު އަނބުރާ މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި އިއްޒަތާއި ޝަރަފާއެކު އެބޭފުޅުންނަށް ދެއްވައި އިނާޔަތް ނަންގަވައިގެން ގޭގައި ތިއްބެވުން މާ ރަނގަޅުވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ނަމުގެ ކުރިއަށް ''ރައީސް'' މިބަސް ބޭނުންކުރަން ގާނޫނު އަސާސީގައި ވެސް ބުނެފައިވާއިރު އެފަދަ ބޭފުޅުން މަޖިލީހަށް ވަޑައިގަތުމުން އެހެންމެންބަރުންނާ މުހާތަބުކުރާއިރު ކިޔާ ''އިއްޒަތްތެރި މެންބަރު'' ގެ ބަދަލުގައި ރައީސް އިއްޒަތްތެރި މެންބަރުގެ ނަމުން މުހާތަބު ކުރަންޖެހޭ ކަމަށެވެ.

އަދި ''އިއްޒަތްތެރި ރައީސް'' ގެ ނަމުން މުހާތަބު ކުރަންޖެހޭނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މަޖިލީހަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި ރައީސް ނަޝީދު ފިޔަވައި ރައީސްކަން ކުރެއްވި ބޭފުޅަކު މަޖިލީހަށް ވާދަކުރައްވާނެކަން އަދި އިއުލާންކުރައްވާފައި ނުވާކަމަށެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމީން މަޖިލީހުގައި ތިއްބަވާނަމަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއެކު ފަސް ރައީސުން ތިއްބަވާނެ ކަމަށާއި އެހެންވެއްޖެނަމަ ފަސް ބޭފުޅުންނަށް ވެސް މުހާތަބުކުރަންޖެހޭނީ ''އިއްޒަތްތެރި ރައީސް"ގެ ނަމުން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި މަޖިލީހުގައި އިއްޒަތްތެރި ރައީސްގެ ނަމުން މުހާތަބު ކުރެވޭނީ މަޖިލީހުގެ ރިޔާސަތަށް އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.

ނިހާން މިފަދައިން ވިދާޅުވިއިރު ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

މިއިސްލާހު ފާސްވެއްޖެނަމަ ރައީސް ނަޝީދަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.