ޚަބަރު

ޕީއެންސީއާ ޒާތީ އެއްވެސް ކަމެއް ނެތް، އުޅެނީ ފޯމު ހަމަނުވުމުގެ މައްސަލައެއް: ހަބީބު

އިބްރާހިމް ޒަކީ

އަލަށް އުފައްދާ ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީކޮށް ނުދިނުމުގައި ޒާތީ އެއްވެސް ކަމެއްނެތް ކަމަށާއި، އަދި އެއްވެސް ބޭފުޅެއްގެ ގާތުގައި އެއީ ޒާތީކަމެއް ކަަމަށް ވިދާޅުވެފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ރަޖިސްޓްރީކޮށް ނުދީ ވަނީ، ޒާތީކަމެއްގައި ކަމަށް، ހަބީބު ވިދާޅުވިކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބުދުﷲ މިއަދު ވިދާޅުވުމާ ގުޅިގެން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ، އެކަމުގައި އުޅެނީ ޒާތީ މައްސައެއް ނޫން ކަމަށާއި އެއީ ގާނޫނީ މައްސަލައެއް ކަމަށެެވެ.

"ޒާތީކަމެއް ކިހިނެއްތޯ ބޭއްވޭނީ މިއީ ގާނޫނީކަމެއް. ސައްހަ ތިންހާސް ފޯމު ޕީއެންސީން ހުށަހަޅައިފިއްޔާ އިލެކްޝަނަށް ރަޖިސްޓްރީ ނުކޮށްވާނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ޒާތީކަމެއްނޫން މިއުޅެނީ ފޯމުގެ އަދަދު ހަމަނުވުމުގެ މައްސަލައެއް، އެއީ ޒާތީކަމެއް ކަމަށްވަންޏާ އެއީ ޒާތީކަމެއް،" ހަބީބު ވިދާޅުވި އެވެ.

ޕިޕީއެމްގެ އިސް ފަރާތްތަކަށް އިޝާރާތް ކުރައްވައި ހަބީބު ވިދާޅުވީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އިލެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާއިރުވެސް، ރިޔާސީ އިންތިހާބުގެ މައްސަލައިގަ، އެމީހުން އީސީއާ ދެކޮޅަށް މުޒާހަރާކޮށް ބޮޑެތި ތުހުމަތުތަކެއް ކުރިކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ މަސައްކަތްތަކެއް އިލެކްޝަންސް ކޮމިޝަނުން ކުރާއިރު، ފަރުވާތެރިކަމާއެކު ވީހާވެސް ބޮޑަށް ގަނޫނާއި ގަވާއިދުތަކުގެ ތެރެއިން އެކަމެއް ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

"އެބޭފުޅުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ. އެހެންކަމުން އަޅުގަނޑުމެން ކަމެއް ކުރާއިރުވެސް އަޅުގަނޑުމެން ބަލާނީ، ވީހާވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން ކުރެވޭތޯ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަބުދުއްރަހީމް އެ މައްސަލައިގަ ދޭތެރެ ދޭތެރެއިން ގުޅުއްވާ ކަމަށާއި އެކަމުގައި މިއަދުވެސް ގުޅުއްވި ކަމަށެވެ. އަދި އެ ފަރާތުގެ ފޯމުތަކުގެ މަސައްކަތް ކުރެއްވި ކުދިން ގޮވައިގެން ވަޑައިގެންނެވުމުން އިލެކްޝަންގެ ކަމާބެހޭ ސެކްޝަނާ ބައްދަލު ކޮށްދޭނެ ވާހަކަ ވިދާޅުވެފައިވާނެ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ މިއަދުވެސް ސައްހަ 3000 ފޯމު ހުށަހަޅުއްވައިފިނަމަ އެ ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

އަދި މިހާރު އެފަރާތުން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި، އެހެން ޕާޓީއަކަށް ރަޖިސްޓްރީވާން ފުރާފައިވާ ފޯމުތަކާއި ސޮޔާއި ފިންގާޕްރިންޓް ދިމާނުވާ މައްސަލަތަކާއި ތާރީހު ދިމާނުވާ މައްސަލަތަކާއި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމު ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.