ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަށް ބައްޓަން ކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕޮލިސް ބޯޑުގެ ރައީސަކަށް ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ ކުރީގެ މެމްބަރު އަލީ ފާއިޒު އަދި ނާއިބު ރައީސް ކަމަށް މ. ހަޒާރީވިލާ، އަހުމަދު ފަޔާޒް ހަސަން މިއަދު ވަނީ އިންތިހާބުކޮށްފައެވެ.
އެ ދެބޭފުޅުންނަށް މަރުހަބާ ދަންނަވައި، މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަށް ބައްޓަން ކުރުމަށް ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި މިއަދު އިންތިހާބުވި ރިޔާސަތާއެކު އެމަގަށް މިސްރާބު ހިފާނެ ކަމަށް ޔަގީން ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޕޮލިސް ބޯޑު އެކުލަވާލާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
ޕޮލިސް ބޯޑަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން އުފައްދަން ޖެހޭ ބޯޑެކެވެ. ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށާއި އެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާން ކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އެ ގާނޫނުގެ ދަށުން ލަފާ ދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމަށް "ޕޮލިސް ބޯޑު"ގެ ނަމުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.
އެ ހަތް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވާ ދެ މެންބަރުންނަަށް ވާން ވާނެ ކަމަަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ. އެ ދެ މެންބަރުން އައްޔަން ކުރުމަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ރައްޔިތުންގެ މަޖިލީހުންނެވެ.