ޚަބަރު

ސްވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފާއި ފާއިޒު ބަންދުން ދޫކޮށްލައިފި

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް)ގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިނާއި ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ ފާއިޒު މުހައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

އެ ދެ މީހުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ދައުލަތުން އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭތީއެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީޅު ވިދާޅުވީ އެމީހުން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށާއި އެމީހުން ބަންދުން ދޫކޮށްލިޔަސް މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފައިވާ ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ކޯޓަށް ފެންނަ ގޮތެއް ކަނޑައެޅިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުގެ ވަކީލު މިއަދު ވަނީ ވިދާޅުވެފައެވެ.

އެ މީހުންނަށް އެ ދައުވާ ސާބިތު ވެއްޖެނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި އެމީހުން ބަންދުގައި ހުންނަތާ މިހާރު އެއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށްފަހު އެ ދެމީހުންނާއެކު ހައްޔަރުކުރި އިތުރު މީހުން ކޯޓަށް ގެންދިޔަ ނަމަވެސް، އެމީހުންގެ ޝަރީއަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އޭގެ ތެރޭގައި މުހައްމަދު ޝާމިނާއި އަހްމަދު އާސިމާއި އަބްދުﷲ ރިޔާޒާއި އަލީ ރިސްވާން އަހުމަދާއި ހަސަން ނަސީރު އަދި އަލީ ނަސީރު ހިމެނެއެވެ.