ސަރުކާރުުގެ 100 ދުވަހުގެ ވައުދުތަކާ އެއްގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށްޓަކައި، އާއްމުންގެ ހިޔާލު ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ކައުންސިލްތަކަށް، ބޮޑެތި ބާރުތަކެއް ދިނުމަށް ނިންމަވައި، ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ބިލު އެކުލަވާލުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އާންމުންގެ ޚިޔާލު ހޯދުމަށް، މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޓާނީޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، އަންނަ ފެބްރުއަރީ މަހުގެ ތިނެއްގެ ނިޔަލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ.
އަދި ގާނޫނު އިސްލާހު ކުރުމަށްޓަކައި އެކި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް، ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ހިޔާލު ހޯދުމުގެ އިތުރުން، ކައުންސިލްތަކުން ހުށަހަޅަން ބޭނުންވާ ހިޔާލުތަކާއި ލިޔުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.