ޚަބަރު

ޔޫއެންގެ ގަރާރުތަކަށް އިޒްރާއިލުން އަމަލު ކުރަން ރާއްޖެއިން ގޮވާލައިފި

އަހުމަދު ޖައިޝަން

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ގަރާރުތަކަށް އިޒްރާއިލުން އަމަލު ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ޔުނައިޓެޑް ނޭޝަންގެ ސެކިއުރިޓީ ކައުންސިލުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓުވުމަށް ރިޒޮލިއުޝަނެއް ފާސްކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީގައި ރާއްޖެއިން ގޮވާލީ އެ ކައުންސިލުން އެކުލަވައިލި ރެޒޮލިއުޝަނަށް ފުރިހަމައަށް އިޒްރާއިލުން އަމަލުކުރުމަށެވެ. ޔޫއެންގެ ޗާޓަރުގެ ދަށުން އިޒްރާއިލުން ގާނޫނީ ގޮތުން އަމަލު ކުރަން ޖެހޭ ކަންތައްތަކަށް އެގައުމުން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ރާއްޖެއިން ދިން ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ހަމަޖެހުމާއި މިނިވަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސެކިއުރިޓީ ކައުންސިލާއި ޔޫއެންގެ މެމްބަރޝިޕުން ގުޅިގެން މިހާރު ކުރާ މަސައްކަތް ދެގުނައަށް އިތުރު ކުރުމަށް އެދޭ ކަމަށެވެ.

އޭގެއިތުރުން ފަލަސްތީނާއި އިޒްރާއީލުގެ ރައްޔިތުންނަށްވެސް ސުލްހަވެރިކަމުގައި ދިރިއުޅެވޭނެ މާހައުލެއް ތަނަވަސްވުމަށް ބޭނުންވާ ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.