މުއާވިޔަތު އަންވަރު
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އޭދަފުށި ކައުންސިލުން މިއަދު ބުނީ، ރޯގާގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއްގެ ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓު ޓްރޭސިންގެ ހެދުމުގެ މަސައްކަތް ކުރަމުންދާތީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް، ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑުގެ ބޮޑެތި ކުލަސްޓާތައް އުފެދެމުން އަންނަ އިރު، މިއީ އޭދަފުށިން ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އަދި މި ކޭސްއާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އިން ފެށިގެން ދަށުގެ ގުރޭޑްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލައިފައެވެ.