ހުޅުމާލޭގައި ފައިބާ ނެޓްވޯކެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރުމުސްތަގުބަލަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވިއުގާތަކެކެވެ. އެފަދަ ނެޓްވޯކްތަކަށް ކިޔާ އުޅޭ ނަމަކީ އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކެވެ. އެގޮތުން ނިއުޒިލެންޑް، ދެކުނު އެމެރިކާގެ ގައުމުތަކާއި އަދި ޔޫރަޕުގެ ގައުމުތަކުން ވެސް މިފަދަ ނެޓްވޯކްތައް ބޭނުންކުރެއެވެ.
އެޗްޑީސީން ބުނީ، މިއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުވެގެން ދާނެ ކޮންސެޕްޓެއް ކަމަށެވެ. ނަމަވެސް މި ނެޓްވޯކްތައް ބިނާކުރެވެނީ ގިނަ ފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަން ޖެހޭތީ ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ހަރަދުތައް ހިނގާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮއްދިނުމަށްޓަކައި މޭންހޯލް، ހޭންހޯލެ އަދި ޓާމިނޭޝަން ފޮށި އެކިއެކި ސަރަހައްދު ތަކުގައި ބަހައްޓަންޖެހޭ އިރު، ރާއްޖެގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ، މިކަންކަމާއެކު ނެޓްވޯކް ބެލެހެއްޓުމާއި ބޭނުންކުރެވޭ އާލާތްތަކަކީވެސް އަގުބޮޑު އަދި މިމަސައްކަތަކީ ތަޖުރިބާ ހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެންދާ ސަބަބެއް ކަމަށެވެ.
“މިހުރިހާ ސަބަބުތަކާ ހެދި ފައިބާ ކޭބަލް ނެޓްވޯކަކީ އިންތިހާޔަށް އަގުބޮޑު އަދި އިންވެސްޓްމަންޓް ރިކަވާ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެކެވެ. މިހުރިހާ ކަމަކަށް ހައްލެއް ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން މިއަދު އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބާ ނެޓްވޯކަކީ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި ހިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިންމު ބިންގަލެކެވެ،" އެޗްޑީސީން ބުންޏެވެ.
އެކުންފުނިން ބުނީ، މި ނެޓްވޯކް ގާއިމުކުރަމުން ދަނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކަމަށްވުމާއި މި ނެޓްވޯކްގެ އެއްމެހާ ކަންތައްތައް ބަލަހައްޓާނީވެސް އެޗްޑީސީގެ ވަކި ހާއްސަ ޔުނިޓަކުން ކަމަށެވެ.
އެއާއެކު، މަގުތައް އެފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއް ނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި މި ނެޓްވޯކްގެ ޒަރީއްޔާއިން ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި އެހެނިހެން ފައިދާތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯކް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ މުވާސަލާތީ ގުޅުމާއި ގުޅުން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާންމު ރައްޔިތުންނަށް ގިނަ އާ ހިދުމަތްތަކެއް ލިބިގެންދާނެ ސަބަބެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.