ޚަބަރު

ބޮޑުފޮޅުދޫން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށް މޮނީޓަރިންއަށް

މުއާވިޔަތު އަންވަރު

އއ. ބޮޑުފޮޅުދޫން ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހެއްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓްވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް މިއަދު ''ވަން'' އަށް ވިދާޅުވީ، އެ މީހާ ބަލިވެގެން ޑޮކްޓަރަށް ދައްކާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އޭނާގެ ހަށިގަނޑުން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭ އިން އެންގީ މިއަދު ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ އިރު، ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ހަތް މީހަކު މިހާރު ކަރަންޓީނަށް ލާފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ބޮޑުފޮޅުދޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށު މީހަކާ ކައިވެނި ކޮށްގެން އުޅޭ އެ އަތޮޅު މަތިވެރި ފިރިހެނެކެވެ. އޭނާ ވަނީ ދާދިފަހުން މާލެވެސް އައިސްފައެވެ. އަދި މާލެއިން ބޮޑުފޮޅުދޫއަށް ގޮސް ކަރަންޓީނު ފުރިހަމަކޮށް، ސާމްޕަލް ނެގެޓިވް ވުމުން ފަހުން ވަނީ މަތިވެރިއަށްވެސް ގޮސްފައެވެ.