ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފިއެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް އެގޮތަށް މެސެޖު ކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވި އެ މެސެޖުގެ ކޮޕީއެއް "ވަން"އަށް ވަނީ ލިބިފައެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް މިއަދު ކުރެއްވި މެސެޖުގައި ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގެންފައިވެއެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ރައީސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން، ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ގޮވާލައިފައެވެ. އަދި ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.