މުހައްމަދު އައުޒަމް
ލޭ ހަދިޔާކުރުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލަމަތަށްޓަކައި ވެވޭ ސަދަގާތެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތްއާއި މޯލްޑިވްސް ބްލަޑް ސާވިސް އަދި ހެލްތުގެ ރިކްރިއޭޝަން ކްލަބް ގުޅިގެން ބާއްވާ ބްލަޑް ކޭމްޕް ފައްޓަވައި ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމާއި، އެކުދިންނަށް ބޭނުންވާ ވަސީލަތް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މެނިފެސްޓޯގަ ވެސް ވަރަށް އިސްކަން ދޭކަމެއްކަމަށެވެ.
މިކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރަމުން ދާއިރު އެމަސައްކަތުގެ އެންމެ ކުރީގައި ތިބެން ޖެހޭބަޔަކީ ހެލްތު މިނިސްޓރީ އަދި ސިއްހީ ހިދުމަތުގެ އެކި ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީއިން އިސްނަގައިގެން ތެލެސީމިއާކުދިންނަށް ލޭހަދިޔާކުރުމުގެ ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަގްސަދަކީ މިކަމުގައި އިސްނެގުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ލޭހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކޮށްދެވޭނެ އެންމެ ބޮޑު އެހީތެރިކަން ކަމަށެވެ. އަދި ލޭ ހޯދުމަކީ ވަރަށް ދަތިކަމެއް ކަމަކަށް ވުމާއެކު ކޮންމެ މީހަކުވެސް ލޭހަދިޔާކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
ހެލްތް މިނިސްޓްރީގެ ބޮލްޑް ކޭމްޕް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރ ވަނީ ލޭހަދިޔާ ކުރައްވާފައެވެ. އަދި އެމިނިސްޓްރީގެ އިސްވެރިންގެ އިތުރުން މުވައްޒަފުން ވަނީ ލޭހަދިޔާ ކުރައްވާފައެވެ.