ޚަބަރު

ރާއްޖޭގައި ރާޑާ ސިސްޓަމް ބެހެއްޓުމަށް އިންޑިއާއިން މަޝްވަރާކުރަނީ

އަހުމަދު ޖައިޝަން

ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގެ ދަށުން އިންޑިއާއިން ރާއްޖޭގައި ކޯސްޓަލް ސާވެއިލެންސް ރާޑާ ސިސްޓަމް (ސީއެސްއާރު) ގާއިމުކުރުމުގެ މަސައްކަތް އަލުން ފެށުމަށް މަޝްވަރާކުރުމަށް ނިންމައިފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ"އިން ބުނެފައިވަނީ އެ ސިސްޓަމް ގާއިމުކުރުމަށް އިންޑިއާއިން މަޝްވަރާކުރާނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކަމަށެވެ.

ޑިފެންސް މިނިސްޓަރު މިއަދު ވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީ އަށް ފުރާވަޑައިގަންނަވައިފަ އެވެ.

އިންޑިއާއިން ވަނީ މީގެކުރީންވެސް އެފަދަ ސިސްޓަމެއް ރާއްޖޭ ގައި ގާއިމްކުރުމަށް މަޝްވަރާތައް ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގަ އެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެފަދަ ސިސްޓަމެއް ގާއިމުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އިންޑިއާ ކަނޑުގައި ހިމެނޭ ސަރަހައްދުތަކުގެ ތެރެއިން އެ ރާޑާ ސިސްޓަމް ގާއިމުކޮށްފައި ނުވާ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. ސިޝެލްސް އާއި މޮރީޝަސް އަދި ސްރީ ލަންކާގައި ވެސް ވަނީ އެފަދަ ސިސްޓަމްތަކެއް މީގެކުރީން ގާއިމުކޮށްފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނާގޮތުގައި ރާއްޖެއިން މިފަހަރު އެ އެއްބަސްވުމުގައި ސޮއިކުރުން އެކަށީގެންވެއެވެ.

ސިސްޓަމް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނީ ދިފާއީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށް ގެންދާ ޑިފެންސް ޑައިލޮގްގެ ބައެއްގެ ގޮތުގައި ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.