ދެ ގައުމުގެ ދެ މެދުގައި ދިފާއީ ގޮތުން މަޝްވަރާތަކެއް ކުރުމަށްޓަކައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އިންޑީޔާއަށް ފުރާ ވަޑއިގަންނަވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނީ، ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، މިއަދު ހެނދުނު ވަނީ އިންޑިއާއަށް ފުރާވަޑައިގަންނަވައިފައި ކަމަށެވެ.
ހަފުތާއެއްގެ މުއްދަތަށް އިންޑިއާގެ ދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓްރީގެ، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް އަބްދުލްމަތީން އަހްމަދާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވައެވެ.