ޚަބަރު

އައްޑޫ ގަމަށް ކުރާ ދަތުރުތައް ހުއްޓައިނުލަން ސްރީލަންކަން އެއާލައިނުން ނިންމައިފި

ސްރީލަންކަން އެއާލައިނުން، ސްރީލަންކާގެ ވެރިރަށް ކޮލޮންބޯއިިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް ހުއްޓާނުލައި ކުރިއަށްގެންދަން ނިންމައިފި އެވެ.

މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގަމަށްކުރާ ދަތުރުތައް ހުއްޓާލުމަށް މީގެ ކުރިން ސްރީލަންކަން އެއާލައިނުން އޮތީ ނިންމައިފަ އެވެ.

އެފަރާތުން ބުނެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިންޓަނޭޝަނަލް ދަތުރުތައް ކުރުމަށް ފުރިހަމަވާންޖެހޭ ކަންތައް ފުރިހަމަ ނުވާކަމަށެވެ.

ނަމަވެސް ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓު އޭސް އޭވިއޭޝަނުން މިއަދު ބުނެފައިވަނީ، އައްޑޫގަމަށް ކުރާ ދަތުރުތައް ހުއްޓާނުލައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން މިހާރު ސްރީލަންކަން އެއާ އިން ދީފައިވާ ކަމަށެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެފައިވަނީ، ސްރީލަންކަން އެއާލައިން އަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނެކަމަށް ސަރުކާރުންވެސް ޔަގީންކަން ދީފައިވާ ކަމަށެވެ.

އަދި ސްލީލަންކާ އެއާލައިނުން ހުއްޓާނުލައި ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމީ، ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި އެވެ.