އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށްޓަކައި ދިވެހި ރާއްޖެއަކީ ސިޔާސީ ގޮތުންތާއި ޑިމޮކްރެޓިކް ގޮތުން ހަމަޖެހޭ ވަރުގަދަ ގައުމަކަށް ވާން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން ޑީސީއަށް ވަޑައިގެން ސެންޓަރ ފޮ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް)ގެ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުން ރައްކާތެރިގޮތުގައި ދެމެހެއްޓުމަކީ ދިވެހި ރާއްޖޭގެ ރައްކާތެރި ކަމަށް މުހިއްމު ކަމެއް ކަމަށެވެ.
އިންޑިއާ ކަނޑުގެ ސަލާމަަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުން މުހިއްމު ކަމަށް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ޕާޓްނާޝިޕަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ރައްކާތެރިކަމަށް ވެސް ވަރަށް މުހިއްމު ގުޅުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ސިޔާސީ ނިޒާމު ވަރުގަދަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.