ޚަބަރު

އިގުބާލު: ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނަށް ގެންގޮސްދޭ ހަރަކާތުގެ ހިންގުންތެރިޔާ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަކީ ދިވެހިންނަށް މިއަދު އާ ނަމެއް ނޫނެވެ. ދަންނަ ފަރިތަ ނަމެކެވެ. އިތުބާރު ހިފޭ ނަމެކެވެ. އެއީ ދިވެހިންނާ ދުރުގައި ތިބި މުސްލިމް ނިކަމެތިންނަށް އެހީވުމުގައި ގިނަ، ބިޔަ ޕްރޮޖެކްޓުތަކެއް ހިންގަމުން އަންނަ ދިވެހި ހަރަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ, ދިވެހިން އެކުވެގެން އެހީ ބޭނުން ވެފައި ތިބި މީހުންނަށް އެހީވާ އަހުންތަކެކެވެ. އެ ހަރަކާތް އުފަންކޮށް, އެކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އަހުމަދު އިގްބާލެވެ.

އައިއޭސީގެ ފެށުން, އެހީގެ ތެރެއިން

އައިއޭސީއާއެކު އިގުބާލުގެ ދަތުރު ފެށީވެސް އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ތެރެއިންނެވެ. ކަމުންނާއި ނަމުންވެސް އެއީ "އެހީ ޖަމިއްޔާ"އެވެ. އެއީ އެފަދަ ކަމަކަށް ރާއްޖެއިން ނުކުތް ފުރަތަމަ ޖަމިއްޔާވެސް މެއެވެ. އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުރެ, އައިއޭސީގެ ބިންގާ އެޅީ 2016 ވަނަ އަހަރުގެ ފަހުކޮޅެވެ. އަމާޒަކަށް ވީ ނިކަމެތިން ހޯދައި ބަލައި ކަށަވަރު ކުރުމަށްފަހު އެމީހުންނަށް އެހީ ފޯރުކޮށްދިނުމެވެ. އެކަން ރާއްޖޭގެ އަސްކަނިން ބޭރަށް ގެންގޮސް, ބައިނަލްއަގުވާމީ ގޮތުން އެކަމަށް ނުކުތުމެވެ.

"އެހީ ޖަމިއްޔާގެ ތެރެއިން އޭރު ދިޔަ މަޝްވަރާތަކުގެ ތެރެއިން އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ މާ ރަނގަޅުވާނެ ކިޔައި އައިއޭސީ ވުޖޫދަށް އައީ. އެހެން ހުރިހާ ޖަމިއްޔާތަކެއްގެވެސް އެއްބާރުލުމާއެކު ފެށިގެން އައީ, ދިވެހިން އެކުގައި ވެގެން ދިވެހިންގެ އެހީ ބޭނުން ޖެހިފައި ތިބި މީހުންނަށް އެހީ ފޮނުވުމަށް," އިގުބާލު ވިދާޅުވިއެވެ.

އައިއޭސީގެ ފުރަތަމަ ޕްރޮޖެކްޓު, ގިނަ ބަޔަކު ނުވާނޭ ބުނި

އިގުބާލު ވިދާޅުވި ގޮތުގައި, އައިއޭސީ އުފެދިގެން އައީ ވަރުގަދަކޮށެވެ. އެ ހަރަކާތުގެ ފުރަތަމަ ޕްރޮޖެކްޓަކަށްވީ ރާއްޖޭގެ އެކި ހިސާބުތަކުން ތަކެތި ގެނެސް، އެތަކެތި ބަލައި ފާސްކޮށް، ޕެކުކޮށް، ފޮނުވައިލުމުގެ މަސައްކަތެވެ. ނަމަވެސް ބޮޑު ޓީމަކާއެކު ފަށައިގެން އެ މަސައްކަތަކީ ކިހާ ބުރަ މަސައްކަތެއް ކަމެއް އޭރަކު ނޭނގެއެވެ. އެއާއެކު ދެން ކުރިމަތިވީ ބޮޑެތި ގޮންޖެހުންތަކެކެވެ.

"ފެށި އިރު ވަރަށް ގިނަ މީހުން ބުނި ނުވާނެއޭ. އެއީ ދެން ޑީމޯޓިވޭޝަނަކަށް ވެދާނެ އެކަމަކު ޓީމުގެ ވަރަށް ބޮޑު ޑެޑިކޭޝަނެއް އޭރު އޮތް. ހުރިހާ އަހުން ވެސް ވަރަށް ބޮޑަށް އެއްބާރުލުން ދިން," އިގުބާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެ ޕްރޮޖެކްޓުގެ ދަށުން ލިބޭ ތަކެތި ވައްދާނެ ގޮތާއި ޕެކު ކުރާނެ ގޮތް ވެސް އޭރަކު ނެނގެއެވެ. އަދި ޕްރޮޖެކްޓުގެ ފެށުމުގެ ކުރިން އެތަކެތި ވައްދާނެ ތަންތަން ހަމަޖެހުނު ނަމަވެސް, ފަހުން އެތަންތަން ގެއްލި, އެއް ތަނުން އަނެއް ތަނަށް 500 އާއި 1000 ފޮށީގެ އަދަދުން އުފުލަން ޖެހުނެވެ. އެކަންކަމަށް ޖުމުލަކޮށް ހަރަދުކުރީ ވެސް އަމިއްލަ ޖީބުންނެވެ. ވިޔަފާރިވެރިންގެ އެހީތެރިކަންވެސް ލިބުނެވެ.

އިގުބާލުމެން ފެށި މި ޕްރޮޖެކްޓު ނިންމާލައި, އެތަކެތި ކޮންޓެއިނަރުތަކެއްގައި ތުރުކީގެ އީހާހާއަށް ފޮނުވާލެވުނީ ހަތް މަސް ދުވަސް ފަހުންނެވެ.

ފުރަތަމަ ޕްރޮޖެކްޓުގެ ފޮނި ނަތީޖާ, ހަނދާނުން ފިލުވާ ނުލެވޭނެ

އައިއޭސީގެ ފަސް އަހަރުވީ ތާރީހުގައި އެންމެ ހަނދާނުގައި ހުންނަ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން އިގުބާލު ފެށީ ފުރަތަމަ ދުވަހުންނެވެ. އައިއޭސީ އުފައްދައިގެން އެ ހަރަކާތުން ހިންގި ފުރަތަމަ ޕްރޮޖެކްޓަށެވެ. އެއީ އެތައް ސަބަބަކާ ހުރެއެވެ.

ބޮޑު ޓީމަކާއެކު ފެށި އެ މަސައްކަތުގައި އުޅުނު މީހުން އެހެންކަންކަމުގައި ބުރަވެގެން ގޮސް, ޓީމުގެ ބާރު ދަށްވެ, އެންމެ 10 ވަރަކަށް މީހުންނަށް ވިއެވެ. ޕްރޮޖެކްޓުގެ ބޮޑު މިނަށް ބަދަލު ނުގެނެސް, އެއް ވާނެއްގައި ހިފަހައްޓާލަން ކުރި ބުރަ މަސައްކަތެވެ. ނުނިދައި ހޭލައި އުޅެން ޖެހުނު އެތައް ރެއެކެވެ. ގުދަން ކުރާނެ ތަންތަން ނުލިބިގެން, ހުސް ބިންތައް ހޯދައި, އެތަންތަން ހިޔާ ކޮށްގެން ގުދަން ހެދި ހަނދާނެވެ. އެންމެފަހުން ހަ މަސް ދުވަހުގެ އެ ޕްރޮޖެކްޓުގެ ބުރަކަމާއެކު ލިބުނު ފޮނި ނަތީޖާއެވެ.

"އެންމެ ފުރަތަމަ ޕްރޮޖެކްޓުން ލިބުނު ތަކެތި ހިފައިގެން ދިޔަ ދަތުރު އެއީ. ލިބުނު ދައުވަތަކަށް ދިޔައީ ބަލާލަން (ތުރުކީގެ އީހާހާއަށް). ރާއްޖެއިން އެއްކުރި ތަކެތި ތުރުކީގެ ގުދަނަށް ޖަހާފައި ހުރި ތަން ފެނި، ރާއްޖޭގެ ދިދަ ފެނުނީމަ ވަރަށް ތަފާތު ފީލިންއެއް އެއީ. އަދި ރާއްޖެއިން ދޭ އެހީ އެމީހުންނަށް ރީޗުވީމަ، އެ ލިބޭ ހިތްހަމަޖެހުން ފުދޭ ވަރަކަށް ތަފާތު," އިގުބާލު ވިދާޅުވިއެވެ.

ބޭރުގެ ނިކަމެތިންނާއި ދިވެހިންނާ ދެމެދު އޮންނަ ހަމައެކަނި ގުޅުމަކީ ލިބޭ އެހީ!

އިގުބާލު ވިދާޅުވި ގޮތުގައި, އައިއޭސީގެ ގިނަ ޕްރޮޖެކްޓުތައް ހިންގަނީ ސީރިއާ ހަނގުރާމައިގެ ސަބަބުން ތުރުކީގައި އުޅޭ ނިކަމެތިންނަށެވެ. ނަމަވެސް އެމީހުންނަކަށް ރާއްޖެއެއް ނޭނގެއެވެ. އަދި ދިވެހިންގެ އާބާދީ އާއި ރާއްޖެ އޮންނަ ދިމާލެއްވެސް ނޭނގެއެވެ. ހަމައެކަނި އޮންނަނީ ދިވެހިން ފޮނުވާ އެހީ އެކޮޅަށް ލިބޭތީ އޮންނަ ލޯތްބެވެ.

"އެމީހުން އަސްލު ހަގީގަތުގައި ނުބަލާ ކޮން ކުލައެއްގެ ކިހާ އަދަދެއްގެ ކިހާ މުއްސަނދި ބައެއްތޯ. އެމީހުންގެ ޖެނެރަލް މެސެޖަކީ ތިމަންނަމެން އެހާ ދުރުގައި ތިއްބައި އެހާ ވަކިން އޮންނަ، މެޕަށްވެސް ނާރާ ބަޔަކު ތިމަންނަމެންނަށް ފޮނުވި އެހީ، ބޮޑެތި މުއްސަނދިން، މިލިއަނުން ދެވޭ ވަރުގެ މީހުން ދޭ އެހީއަށްވުރެ މާ ބޮޑޭ. އޭތި އެމީހުންގެ ހިތުން ދޭ މެސެޖެއްގެ ގޮތުގައި ފާހަގަވެފައި އޮވޭ،" އިގުބާލު ވިދާޅުވިއެވެ.