ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓު ގަނެދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތީރިޓީން ބުނީ މިމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން ހެލްމެޓު ގަނެދޭން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިލޭ 5000 ހެލްމެޓު ބެހުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާގޮތުގައި ހިލޭ ހެލްމެޓް ބަހަން ނިންމީ ޓްރެފިކަށް އާންމުން ހޭލުންތެރި ކުރުވުމަށެވެ. ހެލްމެޓް ބަހާނީ އަންނަ މަހު ބާއްވާ ޓްރެފިކަށް އާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނާ އެކުއެވެ.
ބުރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން މާޗު މަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
ދުއްވާ މީހުންނާއި އެހެން މީހުންގެ ވެސް ސަލާމަތަށް ޓަކައި ހެލްމެޓު އެޅުން ސަރުކާރުން ލާޒިމުކުރި އިރު، ބުރިޖު އަދި ލިންކު ރޯޑު ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަނީ އާދަޔާ ޚިލާފަށް ގިނަވެފަ އެވެ.